އައިޖީއެމްއެޗްގެ ލެބް ޓެކްނީޝަނެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެ ހޮސްޕިޓަލުގެ ލެބް ޓެކްނިޝަނަކު ކޮވިޑަށް ޕޮޒިޓިވްވެފައިިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އެކަހެރި ކުރީ ކިތަށް މީހުން ކަމެއް ސާފެއް ނުވެ އެވެ.

މީގެކުރިންވެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ އިންޑޮނޭޝިއާގެ ރައްޔިތަކު ވަނީ ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭނާ މަރުވީ ކޮވިޑް ޖެހިގެން ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ.

އެ ބަލި މީހާއާ ކޮންޓެކްޓްވީ އައިޖީއެމްޗްގެ ތިން ނަރުހަކާއި އައިސީޔޫގައި އޮތް އިތުރު ބަލި މީހުންތަކެއްވެސް ކޮވިޑަށް ޕޮޒިޓިވްވި އެވެ. އަދި އައިސީޔޫ ދުވަސް ކޮޅަކަށް ބަންދުވެސް ކުރި އެވެ.

ރާއްޖޭގައި ކޮވިޑް ރޯގާ ޖެހޭ ދިވެހިންގެ އަދަދު މިހާރު އަންނަނީ އިތުރުވަމުންނެވެ. އެކަމާ ގުޅިގެން އެޗްޕީއޭ އަދި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންވެސް ވަނީ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މާސްކް އަޅަން މަޖުބޫރުކުރަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 3567 މީހުންނެވެ. އޭގެތެރެއިން 983 މީހަކަށް މިހާރު ދަނީ ފަރުވާމުންނެވެ. ކޮވިޑް ޖެހިގެން 16 މީހަކު މިހާރު ވަނީ މަރުވެފަ އެވެ.