މުޅި ދުނިޔޭގައި ސިއްހީ ބަލިމަޑުކަމެއް ފެތުރެމުންދާއިރު، އެފަދަ މުސީބާތްތައް ކުރިމަތިވާ ވަގުތުތަކުގައި ކެތްތެރިވުމަށް މިއަދުގެ ހައްޖު ހުތުބާގައި ގޮވާލައިފި އެވެ.

މިއަހަރުގެ ހައްޖު ދުވަހުގެ ހައްޖު ހުތުބާއަކީ އެހެން އަހަރުތަކުގެ ހައްޖަށްވުރެ ތަފާތު ހައްޖެކެވެ. މުޅި ދުނިޔޭގައި ކޮވިޑް-19 ފެތުރެމުންދާތީ އެހެން ގައުމުތަކުން މީހުން ހައްޖުކުރަން ގޮސްފައެެއް ނުވެ އެވެ. ހައްޖުގެ އަޅުކަންތައް ކުރިއަށްދާނީވެސް އިޖުތިމާއީ ގައިދުރުކަން ހިޔާރުކޮށްގެނެވެ.

މިއަހަރުގެ ހައްޖު ދުވަހުގެ ހައްޖު ހުތުބާ ދެއްވާފައިވަނީ ޝެއިހް އަބްދުﷲ ބިން ސުލައިމާން އަލް މާނެއާ އެވެ.

މިއަދުގެ ހުތުބާގައި އެންމެ ބޮޑު ކަމަކަށް އަލި އަޅުވާލާފައިވަނީ މުސްލިމުންނަށް މުސީބާތްތަކާ ކުރިމަތިވުމުން ކެތްތެރިވުމުގެ މުހިއްމު ކަމަށެވެ. އަދި މާތްﷲ އިރާދަފުޅުން މިހާރުގެ ހާލަތުން އެހެން ހާލަތަކަށް ބަދަލުވެ މިއަށްވުރެ ރަނގަޅުގޮތް މެދުވެރިވާނެ ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.

ބަލިމަޑުކަން މުޖުތަމައެއްގައި ފެތުރޭނަމަ އެކަމުން ރައްކާތެރިވުމަށް ބާރުއެޅުމަށް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. އަދި ގައިން ގަޔަށް އަރާ ބައްޔެއް ފެތުރޭނަމަ އެފަދަ ހާލަތުގައި ރައްކާތެރިކަމަށް ކުރަން ޖެހޭ ކަންތައްތަކަކީ މުހިއްމު ކަމެއް ކަމަށް އިސްލާމްދީނުގައި ފާހަގަކޮށްފައިވާކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

މުސީބާތްތަކާ ކުރިމަތިލާން ޖެހުމާއި އެފަދަ މުސީބާތްތަކަކީ މާތްﷲ އަށް ކިޔަމަންތެރިވުމަށްޓަކައި ހުޅުވިގެންދާ އިތުރު ދޮރެއް ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ކޮންމެފަދަ ވަގުތެއްގައިވެސް އަދި ކޮންމެ ފަދަ ހާލަތެއްގައިވެސް މުސީބާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށާއި އެކަމަށް ތައްޔާރުވެ ކެތްތެރިވާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މިއަދުގެ ހުތުބާގައި ވިޔަފާރީގައި މަކަަރު ހެދުމާ ގުޅޭގޮތުންވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ކޮވިޑް-19 ބަލިމަޑުކަމެއްގެ ހާލަތު ނާޖާއިޒުގޮތުގައި ބޭނުންކޮށް ވިޔަފާރީގެ ފައިދާ ހޯދަމުންދާ ކަން ފާހަގަކޮށް އެފަދަ ކަންތައްތަކަކީ އިސްލާމްދީން މަނާކުރާ ކަންތައްތައްކަން ހުތުބާގައި ހަނދާންކޮށްދީފައިވެއެވެ.

އަދި އެފަދަ އަމަލުތައް ކުރާ މީހުންގެ އަމަލުތަކާމެދު އެމީހުން ވިސްނައި އާހިރަތް ދުވަހުން އެފަދަ އަމަލަކާ ގުޅޭގޮތުން ކަންތައް ވެގެންދާނެ ގޮތާ މެދު ވިސްނުން ވަރަށް މުހިއްމު ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.