ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) ން ދައްކާގޮތުން މާލޭގެ ގެދޮރުގެ އަގުތަށް ވަނީ 20 ޕަސެންޓް މައްޗަށް ޖެހިފަ އެވެ. ނަމަވެސް އާ އަހަރާއެކު ގިނަ ބާވަތްތަކަކުން ޑިއުޓީ މާފުވެ އަގުތަކަށް ބަދަލު އަންނަން ފަށާފައިވާއިރު ޑިއުޓީ މުޅިން މާފުވި ތަކެތީގެ ގޮތުގައި ގެދޮރު އިމާރާތްކުރާ ގިނަ ބާވްތައް ހިމެނެ އެވެ. އެހެންކަމުން ގޯތި ގެދޮރު ނޫނީ ރިއަލް އެސްޓޭޓް ގެ އަގުތަކަށް ބަދަލު އަތުވެދާނެތޯ މީހުން ސުވާލު ކުރެ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މަޑުމަޑުން އަންނަ ބަދަލާއެކު މިހާރު ނިމެން ކައިރި ވެފައި ހުރި އިމާރާތްތަކުގެ އަގަށް އަސަރެއް ނުކޮށް ހިނގައިދާނެ އެވެ. ނަމަވެސް އިމާރާތް ކުރުމުގައި އަލަށް ފަށާ ޕްރޮޖެކްޓްތަކާއި ހިނގައި ނުގަނެ ހުރި ޕްރޮޖެކްޓް ތަކުން ނަތީޖާ ދައްކައިދޭނެ އެވެ.

"މިސާލަކަށް ބަޖެޓްކޮށްފައި ހުރި އެއްޗިހީގެ ތެރެއިން ވަރަށް ބޮޑު ބައި ލުއިވެގެން ދާނެ. އަޅުގަނޑަކަށް ހީވަނީ މީގެ ނަތީޖާ ފެންނާނެހެން،" ކޮންޓްރަކްޝަން އިންޑަސްޓްރީ ތަމްސީލް ކުރާ މަސީގެ ރައީސް މުހަންމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވި އެވެ. "[މާލޭގެ އިމާރާތްތަކުގެ އަގުތައް ދަށަށްދާން] އެކަމަށް އެހާ ގިނަ ދުވަހެއް ނުނަގާނެ،"

ނިމުމާ ގާތްވެފައިހުރި ގިނަ އިމާރާތްތަކެއްގެ އަގުން ބަދަލުތަކެއް ނުފެނުނަސް މިއަހަރު އަލަށް ފަށާ އަދި ނިންމާ ގިނަ ޕްރޮޖެކްތަކުގެ ހަރަދު ނޫނީ އަގުން ގާތްގަނޑަކަށް ފަސް ޕަސެންޓާއި 10 ޕަސެންޓް ތިރިވާނެ ކަމަށް ޖަނާ ލަފާކުރައްވަ އެވެ.

ހަ ޕަސެންޓްގެ ޖީއެސްޓީ ނެގި ނަމަވެސް އެއީ އަގު އުފުލުމަށް އޮތް ބަހަނާއެއް ނޫންކަމަށް ތަޖުރިބާކާރު ވިދާޅުވެ އެވެ.

"އަމިއްލައަށް އެތެރެކޮށްގެން ހިންގާ ޕްރޮޖެކްޓް ތަކުން މޭޖާ މެޓީރިއަލްސް އިން 10 ޕަސެންޓް އަދި 15 ޕަސެންޓް އަގު ހެޔޮ ވާނެ. މާބްލްސް، ޓައިލްސް ކަހަލަ އެއްޗިހިން ފަސް ޕަސެންޓް އޮތީ ކުޑަކުރެވިފައި. އެހެންވީމައި އޭގެ ނަތީޖާ ގާތްގަނޑަކަށް އެވްރެޖްކޮށް ފަސް ޕަސެންޓާ 10 ޕަސެންޓްގެ އެޑްވާންޓޭޖެއް އޮންނަން ޖެހޭނެ، އެ ބެނެފިޓް ދޭން ޖެހޭނެ،" ގަތަރުގެ ދޯހާގައި ހުންނަވައިގެން ޖަނާ ވިދާޅުވި އެވެ.

ސަރުކާރުން މިހާރުވަނީ މިދިއަ އޮކްޓޯބަރުގެ ކުރިން އެއްބަސްވެފައި ހުރި ކޮންޓްރެކްޓްތަކުން ޖީއެސްޓީ ނުނަގާ ގޮތަށް ނިންމާފަ އެވެ. އެ ލުޔާއެކު ވެސް އަގުތަށް ތިރިވުމަށް އެޅޭނެ ބައެއް ހުރަސްތަކެއް އެބަހުއްޓެވެ.

މިސާލަކަށް ދުނިޔޭގެ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުތަކާއެކު މީގެ ކުރީގެ ކޮންޓްރެކްޓްތަކުން ލިބުނު ގެއްލުންތައް ފޫބައްދަން، އަގުތަށް މިހާރު ހުރި މިންގަޑުގައި ބައެއް ކޮންޓްރެކްޓަރުން އަދިވެސް ހިފަހައްޓައިފާނެ އެވެ.

"ބޮޑަތި އިމްޕޯޓަރުން ހުންނަނީ ބޮޑެތި އަދަދުން ގެނެސް އެއްޗިހި ގުދަން ކޮށްފައި. އެއްޗިހި ހުސްވީމަ އަލުން ގެންނާނީ. މިއީ ސަޕްލައި ސައިޑުން. އެންމެ ބޮޑު ރިސްކަކީ މިހާރު ހުރި ރޭޓްތަކަށް ބަލާފައި ކޮންޓްރަކްޝަން މެޓީރިއަލްގެ [އަގުތައް] މައްޗަށް ދިޔުން. އަދި ޑޮލަރުގެ ސިޓްއޭޝަނަކީ ވެސް މައްސަލައެއް. ޑޮލަރުން ރޭޓް ނުހިފެހެއްޓެންޏާ އިމްޕޯޓް ލުއި ވިޔަސް އަގުތަކަށް ބަދަލެއް ނައިސް ހުރެދާނެ،" ޖަނާ ވިދާޅުވި އެވެ.

ވެރިރަށް މާލޭގައި އެއް ކޮޓަރީގެ އެޕާޓް މަންޓެއްގެ އަގު މަހަކު 10،000ރ. އަރާ އިރު ދެ ކޮޓަރީގެ އެޕާޓްމަންޓް ހުރީ 15،000ރ. އަރަ އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 19،000ރ. ގައި އުޅެ އެވެ. މިއަށް ވުރެ ދަށް އަގުތައް އުޅުނު ނަމަވެސް އާންމު އަގުތައް ހުރީ މިވަރަށެވެ.

ނަމަވެސް ކޮންޓްރެކްޓަރުންނަށް ވަނީ މިވަގުތަށް ލުޔެއް ލިބިފަ އެވެ. އޭގެ ފައިދާ އާންމުންނަށް ފެންނަން ޖެހޭނެ އެވެ. ލިބެމުން އަންނަ ކަމަށް އިހުސާސްވާން ޖެހޭނެ އެވެ. އަގުތަށް މަތީގައި ހުރި އެޕާޓްމަންޓްތަކުގެ އަގުތަށް ތިރިވާން ޖެހޭނެ އެވެ. އެހެންނޫންނަމަ އިމްޕޯޓް ޑިއުޓީ ލުއި ކުރުމުގެ މަގުސަދު ހާސިލުވި ކަމަކަށް މީހުން ބަލައެއް ނުގަންނާނެ އެވެ.