30 Jul 2020, 14:40
ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރާ ކަމަށް ދޭހަވާ ލިޔުންތަކެއް ފެނިގެން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ދައުވާކުރުމަށް އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރީ ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި ގަސްދުގައި އަލިފާންރޯކޮށްލި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފެނުނު ލިޔުންތަކަކާ ގުޅިގެންނެވެ. ފުލުހުންގެ ލޯންޗުގައި ރޯކޮށްލި ހާދިސާ ހިނގީ މި އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ.
އެ މައްސަލައިގައި ދައުވާ ކުރީ ލ. ގަން، ތުނޑި، ކަޅައިދޫފިނިހިޔާގެ މޫސާ އިނާސްއާއި ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށެވެ.
ޕީޖީ އޮފީހުން ބުނީ ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން އިނާސް ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ފެނުނު ލެޕްޓޮޕެއްގެ ހާޑްޑިސްކަކުން ޓެރެރިސްޓް ޖަމާއަތްތައްކަމަށްވާ އިސްލާމިކް ސްޓޭޓްއާއި އަލް ގައިދާއަށް ތާއީދުކުރާކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައިވާ ކަމަށެވެ.
އަބްދުއްލަތީފް ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ފެނުނު ހާޑްޑިސްކަކުން ޓެރެރިސްޓް ޖަމާއަތްތައްކަމަށްވާ ޖަބްހަތުއް ނުސްރާއާއި އަލް ގައިދާއަށް ތާއީދުކުރާކަން ދޭހަވާ ލިޔުންތައް ފެނިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެހެންކަމުން އެ ދެ މީހުންގެ މައްޗަށްވެސް ކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 1-16 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އެއިން ކޮންމެ މީހެއްގެ މައްޗަށް އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.