30 Jul 2020, 13:14
ގއ. ދާންދޫގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ދާންދޫގައި މީހަކަށް ހަމަލާދީފައިވާ ކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެމީހާއަށް ހަމަލާދީ އެމީހާގެ ބުމަ ފަޅާލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ހަމަލާދީފައި ވަނީ އެރަށުގައި ހުރި މ. އަތޮޅު ކޮޅުފުށި މީހަކަށެވެ.
އަދި އޭނާއަށް ހަމަލާދީފައި ވަނީ ދާންދޫގައި އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް އެނގިފައިވެއެވެ. އަދި އޭނައަށް ހަމަލާ ދީފައިވަނީ އެ އަންހެން ކުއްޖާގެ ތިމާގެ ބަޔަކާއި ރަށްޓެހީންތަކެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އެމީހާއަށް ކުރި އަނިޔާގެ ސަބަބުން އެމީހާގެ ނިތްކުރި ދުޅަވެ މޫނުމަތީން ތަންކޮޅެއް ފަހަން ޖެހިފައިވެއެވެ. އެމީހާއަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.