08 Jan 2012, 12:00
ދެ އެޕާޓްމަންޓް ކޮންޕްލެކްސްއެއް ހުޅުމާލޭގައި ތަރައްގީކޮށް އެޕާޓްމަންޓްތައް ވިއްކުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދެ ބިމެއް ބީލަމަށް ލައިފި އެވެ.
އެޗްޑީސީން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި އެޕާޓްމަންޓް ކޮންމްޕްލެކްސްއެއް ތަރައްގީކޮށް އެ ކޮންމްޕްލެކްސްގެ ޔުނިޓްތައް ވިއްކަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން މިދިއަ މަހުގެ 12 ގައި ދެ ބިން ބީލަމަށް ލާފައިވާ ކަމަށާއި ބީލަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
ހުޅުމާލޭގެ ޣާޒީ ސްކޫލާ ކައިރިން ދޫކުރާ ބިމުގެ ބޮޑުމިނަކީ 2450 އަކަފޫޓެވެ. މި ބީލަމާ ބެހޭ ޕްރީބިޑް މީޓިން އެއް އެޗްޑީސީން ވަނީ މިދިޔަ މަހު ބާއްވާފަ އެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ ސުހެއިލް އަހުމަދު މިއަދު ވިދާޅުވީ ހުޅުމާލެއިން ދޫކުރާ އެ ދެ ބިމުގެ ތެރެއިން ކޮންމެ ބަޔަކަށް ވެސް ބިޑް ކުރެވޭނީ އެއް ބިމަށް ކަމަށާއި އެޕާޓްމަންޓް ކޮންމެޕްލެކްސްގައި ގިނަވެގެން ހެދޭނީ 27 ކޮޓަރި ކަމަށެވެ. ކޮންމެ ކޮމްޕްލެކްސްއެއްގައި ބިމުގެ 15 ޕަސެންޓް ޓެރަސްއެއް ހެދިދާނެ ކަމަށާއި ނަމަވެސް ޓެރަސްގައި އެއްވެސް އެޕާޓްމަންޓެއް ނުހެދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"އެޕާޓްމަންޓްތަކުގައި މަދުވެގެން އެމީހަކު ބޭނުންވަރަކަށް ކޮޓަރި ހެދިދާނެ، ނަމަވެސް މުޅި ކޮންޕްލްސްގައި ހެދޭނީ 27 ކޮޓަރި، ވަކި އަދަދެއް ކަނޑައަޅާފައިވަނީ މާ ކުދިކުދި ކޮޓަރިތައް ހަދާފާނެތީ، ޓެރަސްގެ 50 ޕަސެންޓްގައި ޖިމްއެއް ކަހަލަތަނެއް ހެދިދާނެ، ނަމަވެސް ދިރިއުޅޭކަށް ބޭނުމެއް ނުކުރެވޭނެ،" ސުހެއިލް ވިދާޅުވި އެވެ.
ސުހެއިލް ވިދާޅުވީ ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑްކުރާއިރު އެޕާޓްމަންޓްތައް ވިއްކާނެ އަގެއް އޮންނާނީ ކަނޑައާޅާފައި ކަމަށާއި އެޕާޓްމަންޓްތަކުގެ ބިޑް ކާމިޔާބުކުރާ ފަރާތްތަކުން އެތަންތަން ވިއްކަނީ އެއަގަށްތޯ އެކުންފުނިން ބަލާނެ ކަމަށެވެ.
އެޗްޑީސީން ބުނީ ބީލަން ހުށަހެޅުމަށް ބޭނުންވާ ބީލަން ފޮތްތައް އެ ކުންފުނީގެ މައި އޮފީހުން ލިބެން ހުންނާނެ ކަމަށާއި ބީލަން ފޮތެއް ވިއްކުމަށް ހަމަޖެހިފައިވަނީ 200ރ. އަށް ކަމަށެވެ.