14:30


ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް 'ދިރާގު ހެޕީ ޕްރިޕެއިޑް ޕްރޮމޯޝަން' ނަމުގައި ފަށައިފި އެވެ.


މިއަދުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ކުރިއަށްދާ އެ ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންގެ ފޯނުކޯލްތަކުންނާއި، އެސްއެމްއެސް އަދި އިންޓަނެޓުގެ ޚިދުމަތުން 30 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.


އެގޮތުން ކަސްޓަމަރުންނަށް ލިބޭ ފައިދާތަކުގެ ތަފްސީލް ދެއްވަމުން ދިރާގުގެ މޯބައިލް މާކެޓިންގް މެނޭޖަރ ރިއްފަތު މުހައްމަދު ވިދާޅުވީ، ޕްރީޕެއިން ބޭނުންކުރާ ފަރާތްތަކުން ރާއްޖޭގެ ނަންބަރުތަކަށް ކުރާ ކޯލްތަކުގައި ފުރަތަމަ ދެ މިނެޓު ނިމުމުން، ދެން ފޯނުގައި ހޭދަކުރާ ވަގުތުން 30 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އަދި ލޯކަލް އެސްއެމްއެސް ފޮނުވުމަށް އެއް ރުފިޔާ ފަންސާސް ލާރި ޚަރަދުކޮށްފިނަމަ، އެ ދުވަހަކު ދެން އެ ކަސްޓަމަރަކު ފޮނުވާ ހުރިހާ އެސްއެމްއެސް އަކަށް 30 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށާއި ރާއްޖެއިން ބޭރަށް ފޮނުވާ އެސްއެމްއެސް އަށް ކަސްޓަމަރަކު 3 ރުފިޔާ ހޭދަކޮށްފިނަމަ، އޭނާ ދެން އެދުވަހަކު ރާއްޖެއިން ބޭރަށް ފޮނުވާ ހުރިހާ އެސްއެމްއެސްއަކަށް 30 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް ރިއްފަތު ވިދާޅުވި އެވެ.


ރިއްފަތު ވިދާޅުވި ގޮތުގައި، މޯބައިލް މެދުވެރިކޮށް އިންޓަނެޓުގެ ޚިދުމަތް ބޭނުންކުރާ ޕްރީޕެއިޑް ކަސްޓަމަރުން އެ ޚިދުމަތަށް 5 ރުފިޔާ ހޭދަކުރާ ކޮންމެ ދުވަހަކު ދެން މޯބައިލުން އެ ޚިދުމަތް ބޭނުންކުރުމަށް 30 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.


ދިރާގުގެ އެންމެ ގިނަ ކަސްޓަމަރުން ބޭނުންކުރަމުން އަންނަނީ ޕްރީޕެއިޑް ނަންބަރުތައްކަން ފާހަގަކުރައްވަމުން ރިއްފަތު ވިދާޅުވީ، އެ ކުންފުނިން މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ވީހާވެސް ގިނަ ފައިދާ ތަކެއް ދިނުމަށް ކަމަށެވެ.


ދިރާގުން އަންނަނީ ތިން ލައްކައަށްވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދެމުންނެވެ.