ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ މީހުން ފުރުވުމަށް އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް އެމްއޭސީއެލް އިން އަނެއްކާވެސް އިލްތިމާސްކޮށް، ހަނދާންކޮށްދީފިއެވެ.

މީގެ ކުރިންވެސް އެމްއޭސީއެލް އިން ވަނީ ވީއައިއޭ އިން ފުރާ ފަސިންޖަރުން ފުރުވުމަށާއި އަންނަ ފަސިންޖަރުން ބަލައި، އެކަކަށްވުރެ ގިނަ މީހުން އެއާޕޯޓަށް ނުދިޔުމަށް އިލްތިމާސް ކޮށްފައެވެ.

އެމްއޭސީއެލް އިން އިއްޔެ ބުނީ އިލްތިމާސް އަކީ، އަދި އެދޭ އެދުމަކީވެސް، ފަސިންޖަރުން ފުރުވަން އަދި ބަލައިވެސް، އެކަކަށް ވުރެ ގިނަ މީހުން އެއާޕޯޓަށް ނުދިޔުން ކަމަށެވެ.

ކޮވިޑް19ގެ ބިރު އަދުވެސް އޮތްއިރު، ބޭނުމެއް ނެތި އެއާޕޯޓަށް ގޮސް ނުހެދުމަށްވެސް އެމްއޭސީއެލް އިން އިލްތިމާސް ކުރެއެވެ.

މިއީ ފަސިންޖަރުންނާއި މުވައްޒަފުން އަދި އާންމުންގެ ސަލަމަތަށް ކުރާ އިލްތިމާސްއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލުމާއެކު ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންގެ ތެރެއިން ބައެއް ފަރާތްތަކުން ރާއްޖެ އަންނަމުންދާއިރު، ރާއްޖެއިން ބޭރަށް ފުރާ ދިވެހިން ވެސް ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން ދަތުރުފަތުރަށް ދިން ލުޔާއެކު އެތެރޭގެ އުދުހުންތައްވެސް ފަށާފައިވާތީ، ވައިގެ މަގުން ދަތުރު ކުރާ މީހުން ވަނީ އިތުރުވެފައެވެ.