08 Jan 2012, 11:19
"ދަރިވަރުގެ ކުރިއެރުން، އަހަރެންގެ ބައިވެރިވުން" މި ޝިއާރާއެކު މި އަހަރު ދިރާސީ އަހަރު ފަށައިފި އެވެ. އެޑިއުކޭޝަންގެ މިނިސްޓްރީން އާ ދިރާސީ އަހަރަށް ކުރާ އުންމީދަކީ ދަރިވަރުންނަށް ބިނާކުރަނިވި ތަޢުލީމާއި ތަރުބިއްޔަތު ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ބެލެނިވެރިންނާއި މުޅި މުޖުތަމައުގެ ހިއްސާ ދިނުމެވެ.
ދިރާސީ އަހަރުގެ ހިތޯބުގައި އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ ޒަމާނެއްގައި ވެސް ނުލިބޭ ފަދަ ހެޔޮ ބަދަލެއް ތަޢުލީމީ ދާއިރާގެ ބަޖެޓަށް މިއަހަރު އައިސްފައިވާ ކަމަށާއި ތައުލީމީ އާ ޝިއާރާއެކު މިއަހަރަކީ އުންމީދީ އަހަރަކަށްވާނެ ކަމަށެވެ.
ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތުގެ ތެރެއިން މިއަހަރު އިތުރު އަށް ސުކޫލެއް އެއްދަންފަޅިއަކަށް ވަނީ ބަދަލުކޮށްފަ އެވެ. އަހަރު މެދު ޖެހޭއިރު 23 ސްކޫލެއްގެ 182 ކްލާސްރޫމް އެއްދަންފަޅިޔަށް ބަދަލުވާނެ އެވެ. އެހެން ކަމުން މުޅި ތައުލީމީ ދާއިރާގެ އެންމެ ބޮޑު އެއް އަމާޒަކީ އާ ދިރާސީ އަހަރަކީ ދަރިވަރުންނާ ރައްޓެހި ސްކޫލްތަައް ގާއިމުވުމުގެ އަހަރަކަށް ވުމެވެ.
"މިހިނގާ އަހަރުގެ ތެރޭގައި ކުދިންނާ ރައްޓެހި ސްކޫލުތައް ގާއިމުކުރުމަށް ބޭނުންވާ 'ބަރާބަރު ސްކޫލު'ގެ އިންޑިކޭޓަރުތައް ތަންފީޒުކުރުމަށާ ކުދިންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ހޭލުންތެރިކުރުވުމަށް ދުވަސްތަކެއް ފާހަގަ ކުރުމަށްވަނީ ހަމަޖެހިފައި" މިނިސްޓަރު ވިދާޅުވި އެވެ.
މިއަހަރު ބޮޑު އަނެއް އަމާޒަކީ ދަރިވަރުން ފާސްވާ މިންވަރު މައްޗަށް ޖެއްސުމެވެ. ސްކޫލުތަކުގެ ގްރޭޑް 10 ނިންމާ އިމްތިހާނުގެ ފަސް މާއްދާއިން ފާސްވާ މިންވަރު 60 ޕަސެންޓަށް މަތިކުރުމުގެ އަމާޒުގެ ދަށުން އޯލެވެލް އިމްތިހާނުގެ ފަސް މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 27 ޕަސެންޓުން 35 ޕަސެންޓަށް މިހާރު ވެސް ވަނީ މަތިކުރެވިފަ އެވެ. އާ އަހަރުގެ އަމާޒަކީ އެ މިންވަރު 44 ޕަސެންޓަށް އުފުލައިލުމެވެ.