އަރަފާތު ބިން (ޖުލައި 30) : މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ ހައްޖުވެރިން ހައްޖުގެ އެންމެމަތީ ރުކުން އަދާކުރުމަށް ޓަކައި އަރަފާތު ނުވަތަ އަރަފާގެ ބިމަށް މިއަދު ޖަމާވެއްޖެ އެވެ.

ސައޫދީ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާ ގޮތުން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވަނީ މަދު އަދަދެއްގެ ހައްޖުވެރިން ކަމަށްވާތީ ފަތިސްނަމާދަށް ފަހު ހައްޖުވެރިން ވަނީ ވަރަށް އަވަހަށް އަރަފާތުގެ ބިމަށް ޖަމާވެފަ އެވެ. އަރަފާތު ދުވަހަކީ ހައްޖުވެރިން ހައްޖުގެ އެންމެމަތީ ރުކުން އަދާކުރުމަށް ޓަކައި އަރަފާތު ނުވަތަ އަރަފާގެ ބިމުގައި ތިބޭ ދުވަހެވެ. އަރަފާތު ބިމަށް ގޮސް އެތާނގައި ތިބުމަކީ ހައްޖުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ރުކުނެވެ.

އަރަފާތު ދުވަހުގެ އަރަފާތު ބިމުގައި ނުތިބެ ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެ އެވެ. ޢަރަފާތު ބިމުގައި ތިބުމުގެ ކުރިން ހައްޖުވެރިން އިއްޔެ ވަނީ މިނާގައި ތަރްވިޔާގެ ދުވަސް ފާހަގަކޮށްފަ އެވެ. ތަރްވިޔާގެ ދުވަހަކީ ހައްޖުވެރިން މައްކާއިން މިނާއަށް އަންނަ ދުވަހެވެ. ތަރްވިޔާގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޙައްޖުވެރިން ހައްޖު މަހުގެ އަށް ވަނަ ދުވަހު މައްކާއިން މިނާގެ މަޝްޢަރަށް ގޮސް އެތަނުގައި ތިބެއެވެ. މިގޮތަށް ތިބެނީ ކީރިތި ރަސޫލުﷲ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) އެގޮތަށް ޢަމަލުކުރައްވާފައިވާތީ އެކަލޭގެ ފާނުގެ ސުންނަތަށް އިޤްތިދާ ވުމުގެ ގޮތުންނެވެ.

މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވަނީ ދިހަ ހާހަށްވުރެ ވެސް މަދުއަދަދެއްގެ ހައްޖުވެރިންނެވެ. އެއީ ހައްޖުވެރިންގެ ތެރޭގައި ކޮވިޑް-19 ވަބާއާ ފެތުރިދާނެކަމުގެ ބިރަށެވެ. މިބިރަށްޓަކައި ހައްޖުވެރިން މިނާގައ ތިބޭ ފޭލިގެތައް ވަނީ ސްޓެރިލައިޒް ކޮށްފަ އެވެ. އަދި އަރަފާތުގައި ހުންނަ މަސްޖިދުއްނަމިރާ ވެސް ވަނީ ސްޓެރިލައިޒް ކޮށްފަ އެވެ.

ހައްޖުވެރިން

އަރަފާތު ބިމުގައި ހުންނަ އެންމެ މުހިއްމު މައްލަމަކީ އަރަފާތު ފަރުބަދަ ނުވަތަ ޖަބަލް އައްރަހްމާ އެވެ. އަރަފާތު ފަރުބަދަ ނުވަތަ ޖަބަލުއްރަޙްމާއަކީ މީގެ 14 ގަރުނުގެ ކުރިން ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ކުރެއްވި މަޝްހޫރު ހައްޖު ކަމަށްވާ ހައްޖަތުލްވަދާއުގައި ކީރިތިރަސޫލާ ޚުތްބާ ދެއްވިތަނެވެ. އެކަލޭގެފާނު ހައްޖު ޚުތްބާ ދެއްވީ ޖަބަލުއްރަޙްމާގެ ތިރީގައި ހުންނަވައިގެންނެވެ. އިސްލާމް ދީނުގެ މާތްވެގެންވާ ރިސާލަތު ފުރިހަމަކޮށް ދެއްވިކަމުގެ އާޔަތް ކަމަށްވާ [الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا] [المائدة:3] މިއާޔަތް ބާއްވާލެއްވީ ހައްޖަތުލްވަދާއުގައި އެކަލޭގެފާނު އަރަފާތު ފަރުބަދައިގެ ތިރީގައި ހުންނަވަނިކޮށެވެ.

މިހާރު އަރަފާތު ދުވަހުގެ ޚުތުބާ އިއްވަނީ މަސްޖިދުއްނަމިރާގައި މެންދުރު ނަމާދަށްފަހުގަ އެވެ. މި އަހަރުގެ ހައްޖު މޫސުމުގައި ކޮވިޑް-19 ވަބާއާ ފެތުރިދާނެކަމުގެ ބިރަށް ސައޫދީ ސަރުކާރުންވަނީ ހައްޖުގެ އަޅުކަން އަދާކުރާއިރު ގެފުޅުގައި އަތްލުމާއި ހައްޖުވެރިން އެއްތަނަކަށް އެއްވެ ގާތްގާތުގައި ތިބެގެން ވާހަކަ ދެއްކުމާއި އަރަފާތާއި މިނާ އަދި މުޒްދަލިފާގައި ބައްދަލުވުންތައް ބޭއްވުންފަދަ ކަންކަން މަނާކޮށްފަ އެވެ.

މިއަހަރުގެ ހައްޖުގައި ޖަމްރާތަކަށް އުކާހިލަވެސް ހުންނާނީ ސްޓެރިލައިޒްކޮށް ޕެކެޓްކޮށްފައެވެ. އެނޫން ހިލަ ގެންގުޅުން ވަނީ މަނާކޮށްފައެވެ. ސްޓެރިލައިޒްކޮށްފައިވާ ހިލައިގެ ޕެކެޓްތައް މުޒްދަލިފާގައި ރޭކުރާއިރު ހައްޖުވެރިންނަށް ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފަ އެވެ.

ހައްޖުވެރިން ހައްޖުގެ މަޝްޢަރުތަކުގައި ތިބޭއިރު މިއަހަރު ދިނުމަށް ހަމަޖެހިފައި ވަނީ ކުރިން ތައްޔާރުކޮށްފައިވާ ތައްޔާރީ ކާނާގެ ޕާރުސަލްތަކެވެ. އެއީ ސިއްޙީ ގޮތުން ރައްކާތެރި ގޮތުގައި ތައްޔާރުކޮށްފައިވާ ކާނާކަމަށް ސައޫދީ ކަމާބެހޭ ފަރާތްތަކުންވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

މިނާއާއި އަރަފާތުގެ ބިމާ އަދި މުޒްދަލިފާ އަދި ޖަމްރާތައްފަދަ ހައްޖުގެ މަޝްއަރުތަކަށް ހައްޖުވެރިން ގެންދިޔުމާއި ގެނައުމުގެ ދަތުރުތަކުގައި ބޭނުންކުރާ ބަސްތައްވެސްވަނީ ސްޓެރިލައިޒް ނުވަތަ ޑިސްއިންފެކްޓް ކޮށްފަ އެވެ. ހައްޖުގެ މަޝްއަރުތަކުގައި ހައްޖުވެރިން ތިބޭ ވަގުތުތަކުގައި ހައްޖުވެރިންގެ މެދުގައި ގައިދުރުކަން ބެހެއްޓުންވަނީ ލާޒިމް ކޮށްފައެވެ. އަދި މާސްކް އެޅުންވެސްވަނީ ލާޒިމުކޮށްފައެވެ.

ސައުދީގައި ވެސް ކޮވިޑް-19 ގެ ނުރައްކާ ވަނީ އަދަޔާ ޚިލާފަށް ބޮޑުވެފަ އެވެ. މެދުއިރުމަތީގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިޔާ ހިމެނެއެވެ. ސައޫދީގައި ދެލައްކަ ހަތްދިހަ ފަސްހާހަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން ދެހާސް އައްސަތޭކައަށް ވުރެ ގިނަ މީހުން އެބަލީގައި ވަނީ މަރުވެފަ އެވެ.

މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައި ވަނީ ސައޫދީ ދިރިއުޅޭ މީހުންނަށް އެކަންޏެވެ. އޭގެތެރޭގައި ސައޫދީގައި ދިރިއުޅޭ ބޭރުގައުމުތަކުގެ ރައްޔިތުންނާއި ސައޫދީ ރައްޔިތުން ހިމެނެ އެވެ. (ސައޫދީ މީޑިއާ)