މީގެ ދެ އަހަރު ކުރިން، މަރުވެފައިވާ ދަރި އުފުލައިގެން 17 ދުވަސް ވަންދެން ޕެސިފިކް ކަނޑުގައި ދަތުރުކުރި ކިލާ ވޭލް އަނެއްކާވެސް ބަނޑުބޮޑު ވެއްޖެ ކަމަށް ސައިންސުވެރިން ބުނެފި އެވެ.

ޖޭ35ގެ ނަން ދީފައިވާ އެ ކިލާ ވޭލް ބަނޑުބޮޑުވިކަން އެނގިފައި ވަނީ، ޕެސިފިކް ކަނޑުގެ ދިރުންތަކުގެ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރާ އެސްއާރު3 ޖަމްއިއްޔާއިން ނެގި ޑްރޯން ފޮޓޯތަކަކުންނެވެ. އެ ފޮޓޯތައް ނަގާފައި ވަނީ ޖޭ35 ނިސްބަތްވާ ސަދަން ރެޒިޑެންޓް ކިލާ ވޭލް ކޮމިއުނިޓީއާ ބެހޭ ގޮތުން ދިގު މުއްދަތަކަށް ކުރިއަށްގެންދާ ދިރާސާއެއްގެ ދަށުންނެވެ.

ސަދަން ރެޒިޑެންޓް ކިލާ ވޭލްސް އަކީ އެމެރިކާގެ ނެޝަނަލް މެރިން ފިޝެރީސް ސާވިސްއިން ނެތިގެންގޮސްދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރުތަކުގެ ލިސްޓުގައި ހިމަނާފައިވާ ބޮޑުމަހުގެ އާބާދީއެކެވެ.

އެމެރިކާގެ ސެންޓާ ފޯ ވޭލް ރިސާޗުން ބުނި ގޮތުގައި ޖުލައި 2018ގައި ޖޭ35 ވިހެއިތާ މާގިނަ އިރުތަކެއް ނުވެ އޭގެ ދަރި މަރުވި އެވެ. އަދި އޭގެ ފަހުން 17 ދުވަސް ވަންދެން ޖޭ35 އޭގެ ދަރި 'ނޭފަތުކުރިން އުފުލައިގެން' ގާތްގަނޑަކަށް 1،000 މޭލަށް ދަތުރު ކުރި އެވެ.

ކިލާ ވޭލްސްގެ ދަރި މަރުވުމުން އޭތި އޭގެ ދަރިފުޅު އުފުލައިގެން އާއްމުކޮށް ދަތުރު ކުރަނީ ހަފްތާއެއް ވަންދެނެވެ. އެހެންކަމުން ޖޭ35ގެ ދަތުރަކީ އާ ރެކޯޑެއް ކަމަށް އެމެރިކާގެ ސައިންސުވެރިން އޭރު ބުންޏެވެ.

ޖޭ35 އަލުން ބަނޑުބޮޑުވި ނަމަވެސް އޭގެ ދަރި އަނެއްކާވެސް ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމަށް ސައިންސުވެރިން ބުންޏެވެ. އަދި އެފަދަ ކަމެއް ވިޔަ ނުދިނުމަށް ޓަކައި، ކަނޑުގައި ދަތުރު ކުރާ ފަރާތްތަކުން ކިލާ ވޭލްއަށް ބޭނުންވާ ވަރަށް ޖާގަ ދިނުމަށް ސައިންސުވެރިން ބުންޏެވެ.

ސައިންސުވެރިން ބުނާ ގޮތުގައި ޕެސިފިކް ކަނޑުގައި ކިލާ ވޭލްސް މަދުވަމުންދާ މައިގަނޑު ސަބަބުތަކަކީ އެފަދަ މަސްތައް އާއްމުކޮށް ކައިއުޅޭ، ޝިނުކް ސޭމަންގެ އާބާދީ ކަނޑުގެ ލޮނުގަނޑުން މަދުވުމާއި ކަނޑުގެ ލޮނުގަނޑު ތަޣައްޔަރުވުމެވެ.

ކިލާ ވޭލްސް އާއްމު ގޮތެއްގައި ވިހަނީ ބަނޑުބޮޑުވާތާ 17 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ފަހު ކަމަށް އެސްއާރު3އިން ބުންޏެވެ.