އެންމެ ފުރަތަަމަ ހުއްދަދޭ ވެކްސިނަކަށް ރަޝިއާގެ ކޮވިޑް ވެކްސިން ވެއްޖެ އެވެ.

އެ ވެކްސިން އުފައްދަނީ ރަޝިއާގެ ވެރިރަށް މޮސްކޯގައި ހުންނަ ގަމަލެޔާ އިންސްޓްޓިއުޓުންނެވެ.

ސީއެންއެންއަށް މައުލޫމާތު ދިން ރަޝިއާގެ އޮފިޝަލުން ބުނީ އެ ވެކްސިން އަންނަ މަހުގެ 10 ނޫނީ އޭގެ ކުރިން "އެޕްރޫވް" ކުރަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ވެކްސިން އާންމުންނަށް ދިނުމުގެ ކުރިން ސިއްހީ ދާއިރާގެ ކުރީ ސަފުގައި ތިބި މީހުންނަށް ދޭނެކަމަށް ވެސް ބުނެފައިވެ އެވެ.

އެ ވެކްސިނަށް ފަންޑުކުރަނީ ރަޝިއާގެ ސޮވަރިން ވެލްތު ފަންޑުންނެވެ. އެ ފަންޑުގެ ވެރިޔާ ކިރިލް ޑިމީޓްރިއޭވް ވަނީ ކޮވިޑް ވެކްސިން ތައާރަފްކުރުން ރަޝިއާ އިން 1957 ވަނަ އަހަރު ސެޓެލައިޓް ލޯންޗްކުރި ހާދިސާއާ އެއްފަދަ ކުރައްވައިފަ އެވެ. އެންމެ ފުރަތަމަ މުޅި ދުނިޔޭގައި ވެސް ސެޓެލައިޓް ލޯންޗްކުރީ ރަޝިއާއިންއެވެ. އަދި ކޮރޯނާ ވެކްސިން އެންމެ ފުރަތަމަ ދޭން ފަށާ ގައުމަކަށް ވެސް ރަޝިއާ ވާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

ރަޝިއާގެ ވެކްސިނާ މެދު މިހާރު ވެސް ސައިންްސްވެރިން ދަނީ ފާޑުކިޔަމުންނެވެ. އެގެގޮތުން އެ ވެކްސިންއާ ގުޅޭ ސައިންޓިފިކް ޑޭޓާ ރިލީޒްކޮށްފައި ނުވުމާއި އެ ވެކްސިން އިންސާނުން ބޭނުންކޮށްގެން ކުރާ ތަހުލީލްތައް ނިމިފައި ނުވުން ވެސް ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި ބައެއް މުރާސިލުން ބުނާ ގޮތުގައި ރަޝިއާއިން ވެކްސިން އެހާ އަވަހަށް ދޭން ފަށަނީ އެގައުމުގެ ސަރުކާރުގެ ފިއްތުންތަކާ ހުރެ އެވެ.

ކޮރޯނާއަށް ވެކްސިނެއް އުފައްދަަން ދުނިޔޭގެ އެކި ތަންތަނުގައި މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ގިނަ ކުންފުނިތަކުން ބުނީ އެ ވެކްސިންތައް އެޕްރޫވްކުރެވޭނީ ވަރަށް ބޮޑަށް ބަލައި ހެދުމަށްފަހުގައި ކަމަށެވެެ.

ރަޝިއާގެ ކްލިނިކަލް ޓްރަޔަލްގެ ދެވަނަ ފޭސް ވެސް އަދި ނުނިމެ އެވެ. އެ ފޭސް ނިމޭނީ އަންނަ މަހު ތިނެއް ހިސާބުގައެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ އެ ވެކްސިންގެ ތަހުލީލުތަކުގައި އެގައުމުގެ ސިފައިން ބައިވެރިވި ކަމަށެެވެ.

ރަޝިޔާގެ ސެޝެނޯވް ޔުނިވާސިޓީ އިންސްޓްޓިއުޓް ފޯ ޓްރާންސްލޭޝަނަލް މެޑިސިން އެންޑް ބަޔޯޓެކްނޮލޮޖީގެ އިސްވެރިޔާ ވަދީމް ތަރަސޯވް ވިދާޅުވީ ވެކްސިން އުފެއްދުމުގެ 20 އަހަރުގެ ތަޖުރިބާ ރަޝިޔާގެ އެބައޮތް ކަމަށެވެެ. އަދި އެއްވެސް ކަމަކީ ހުރެލާފައި ކުރެވޭނެކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ވެކްސިންގައި ރަޝިއާ އިން ބޭނުންކުރަނީ އާޓިފިޝަލް ޕްރޮޓީންތަކެކެވެ. އަދި އެ ޕްރޮޓީންތަކުން ކޮވިޑާ އެއްކަހަލަ "އިމިޔުން ރެސްޕޮންސް" އެއް ގެނެސްދެ އެވެ.

އެހެން ގޮތަކަށް ބުނާނަމަ އެ ވެކްސިން ޖެހުމުން ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެނެ އެވެ. ނަމަވެސް ފުރާނައަށް ނުރައްކާވުން ފަދަ ސީރިއަސް ކަންތައްތަކެއް ނުވެ މީހާ ރަނގަޅުވާނެ އެވެ.

ނަމަވެސް އެ ވެކްސިނުން ކޮރޯނާ ވައިރަސް ފެތުރުން ނުހުއްޓޭނެ ކަމަށާއި ނަމަވެސް ވެކްސިން ޖެހުމުން ފެންނަ އަލާމާތްތައް ކުޑަވާނެކަމަށް ވަނީ ބުނެފަ އެވެ.-- ސީއެންއެން، އާރުޓީ--