މާލެއިން އަތޮޅުތެރެއަށް ދާން ފުރުސަތު ހުޅުވާލި ނަމަވެސް، އަތޮޅުތެރެއަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަތޮޅުތަކަށް ދާއިރު ޒިންމާދާރުވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ގޮވާލައްވައިފި އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މާލެއިން އަތޮޅުތެރެއަށް ދިއުމަށް އެތައް ހާސް ބަޔަކު މިހާރު ވެސް ހުއްދައަށް އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް އަތޮޅުތަކަށް ދިއުމުގައި ޒިންމާދާރުވާން ޖެހޭނެ ކަމަށާއި އެ ހުރިހާ އެންމެންނަކީ ކޮންމެހެން ދާން ޖެހިގެންދާ މީހުންކަން ގަބޫލުކުރަން ދަތި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދު ހެނދުނު މައުލޫމާތު ބެލިއިރު ގާތްގަނޑަކަށް 9000 މީހުން އެބަހުރި އެޕްލައިކޮށްފައި އަތޮޅުތަކަށް ދިއުމަށް. 9000 އެއްހާ މީހުން އެކި ކަންކަމުގައި ދާން. މި ހުރިހާ އެންމެންނަކީ، އަޅުގަނޑަށް ގަބޫލުކުރަން އުނދަގޫ، ކޮންމެހެން ދާން ޖެހިގެން ދާ މީހުން ކަމަށް. މާލޭގެ ހާލަތު އެބަ އެނގޭ. މީހާގެ އަލާމާތެއް ނެތިވެސް ޕޮޒިޓިވް މީހުއްގެ ގޮތުގައި އޭނާ ހުރެދާނެ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލެއިން ރަށްރަށަށް ދިއުމުން ރަށުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށާއި ރަށު ތެރެއަށް ބަލިފެތުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

"މިއީ ޗުއްޓީ ދުވަސްވަރު ކަމަށްވިޔަސް، ޗުއްޓީއެއްގެ ގޮތުގައި އަޅުގަނޑުމެން އިހުގައި އުޅޭ ފަދައިން ކުޅިވަރު ކުޅުމާއި މީހުން ރަށްރަށަށް ގޮސް ހަރަކާތްތައް ހިންގުމާ އެގޮތުގައި ދާން ވެއްޖެނަމަ މި ބަލިން ރައްކާތެރިވާން ކުރާ ބޮޑު ހޭދައާއި މިކުރާ ބުރަ މަސައްކަތާއި އެންމެން މިކަމުގެ ތެރޭގައި އެތައް މަސްތަކެއް ވަންދެން ތިބި ތިބުމުގެ އެއްވެސް ފައިދާއެއް ނުފެނި ހިނގައިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެއިން އަތޮޅުތަކަށް ދަތުރު ކުރެވެނީ އެޗްޕީއޭއިން ހުއްދައެއް ނަގައިގެންނެވެ. ހުއްދަ ލިބިގެން ރަށްރަށަށް ދިއުމަށްފަހު އެ ރަށެއްގައި ހޯމް ކަރަންޓީނުގައި 14 ދުވަސް ފުރިހަމަ ކުރަން ޖެހޭނެ އެވެ.

މިކަން ފަށައިގަތްއިރު ލަސްތަކެއް ދިމާވި ނަމަވެސް މިހާރު ކައުންސިލްތަކުގެ ވެސް ބައިވެރިވުމާއެކު އެ މަސައްކަތް ކުރަމުންދާތީ، މަސައްކަތުގެ ސްޕީޑު އަވަސްވެފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.