08 Jan 2012, 10:50
މިދިޔަ އަހަރު ޑިސެންބަރު 23 ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާގައި މާލޭގައި 33 މިސްކިތް ހުރިއިރު ، 60 އަށްވުރެ ގިނަ ހަށިވިއްކާތަން އެބަހުރި ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ވިދާޅުވެފައި ވާތީ ހަށިވިއްކާ ތަންތަނުގެ މައުލޫމާތު ހޯދައި، އެ އަމަލުތައް ހިންގާ ފަރާތްތަކާއި އެފަދަ ތަންތަން ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅައިދިނުމަށް ސަރުކާރު ހިންގާ އެމްޑީޕީން ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ހަށިވިއްކާ ތަންތަނާ ގުޅޭ ގޮތުން ޝެއިހް އިމްރާން މުޒާހަރާގައި ދައްކަވާފައިވާ ވާހަކަފުޅު ސިއްރުކޮށްގެން ނުވާނެ ކަމަށެވެ. އަދި ހަށިވިއްކާ ކަމުގެ މައުލޫމާތު ސިއްރު ކުރުމަށްފަހު، އެފަދަ މައްސަލަތަކުގައި އަމަލުކުރަން ހަމަޖެހޭ އުސޫލުން އަމަލު ނުކުރައްވައި ހަމައެކަނި މުޒާހަރާތަކުގައި އެފަދަ ވާހަކަތައް ދެއްކެވުމުން އެކަން ހައްލުވެގެންނެއް ނުދާނެ ކަމަށެވެ.
"... ސައްތައިންސައްތަ އިސްލާމީ ގައުމެއްގައި ފާޅުކޮށް [ހަށިވިއްކުން] ހިންގަމުންދާ ކަމަށް ތުހުމަތުކުރެވޭއިރު އެފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި، ކަމާބެހޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތުދީ ހެކިބަސް ދިނުމަކީ ކޮންމެ މުސްލިމަކަށް ވާޖިބު ކަމަކަށްވެފައި, ހަމައެހެންމެ ދިވެހިރާއްޖޭގެ ޤާނޫންތަކުން ވެސް ލާޒިމް ކަމަކަށްވީ ހިނދު، އެ މައުލޫމާތު ވީހާވެސް އަވަހަކަށް ހާމަކުރުމަށް އިމްރާނަށް ގޮވައިލަމެވެ،" އެމްޑީޕީގެ ނޫސްބަޔާނުގައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެމްޑީޕީން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވޭތޯ ބަދަލުމުންދާ ކަމަށާއި ގާނޫނީ އިމުން ބޭރުން ހިންގާ އެފަދަ އަމަލުތައްކުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން ތަހުގީގު ކުރުމުގައި ފަސް ނުޖެހޭނެ ކަމަށެވެ.
ހަށިވިއްކުމުގެ ވިޔަފާރިއަކީ، ހިއުމަން ޓްރެފިކިންއާ ގުޅިފައިވާ މައްސަލައެއް ކަމަށް އިޝާރާތްކޮށް އެމްޑީޕީގެ ބަޔާނުގައި ބުނަނީ ބައިނަލްއަޤްވާމީ އެކިއެކި ޖަމިއްޔާތަކުންނާއި ސަރުކާރުތަކުން ސިފަކުރާ ގޮތުގައި ރާއްޖެއަކީ ހިއުމަން ޓްރެފިކިންގެ މައްސަލަތަކެއް ހުރި ގައުމެއް ކަމަށެވެ. އަދި ހިއުމަން ޓްރެފިކް ކުރެވޭ މައިގަނޑު އެއް ބޭނުމަކީ ހަށިވިއްކުމުގެ ވިޔަފާރި ކުރުން ކަމަށް ވެސް އެފަރާތްތަކުން ބުނާ ކަމަށެވެ.
ބޮޑު މުޒާހަރާގައި ސަރުކާރަށް ޑިމާންޑް ކުރި ކަންތައްތަކުގެ ތެރެއިން ހަށިވިއްކުމުގެ މައްސަލާގައި ސަރުކާރުން ވަނީ ރިސޯޓްތަކުގައި ހިންގާ ސްޕާތައް ބައްދު ކުރުމަށްފަހު އަލުން ހުޅުވާފަ އެވެ.