މިއަދު ކޮވިޑް-19އަށް 61 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިންވެސް ގިނައީ ދިވެހީންނެވެ. 44 ދިވެހީން ޕޮޒިޓިވްވި އިރު ދެން ޕޮޒިޓިވްވީ 15 ބަންގްލަދޭޝް މީހުންނާއި ދެ އިންޑިއާ މީހުންނެވެ.

މިއާއެކު ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 3567 އަށް އަރާފައެވެ. އަދި މި ވަގުތު ވައިރަހަށް ޕޮޒިޓިވްވެފައި ތިބި 983 މީހުން ރާއްޖޭގައި އެބަ ތިއްބެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، މިހާރު ޕޮޒިޓިވް މީހުން ތިބި ރަށްތަކުގެ ތެރޭގައި، ހއ. ކެލާއާއި، ރ. ދުވާފަރު، ރ. ހުޅުއްދުއްފާރު، ރ. އިނގުރައިދޫ، ބ. އޭދަފުށި، ބ. ހިތަދޫ، ސީ ސައިޑް ފިނޮޅު، ޅ. ކުރެންދޫ، ކ. މާފުށި، އއ. ތޮއްޑޫ، ޝެވެލްބޯލްކް ރަންދެލި، އަދި ސޮނެވާ ޖާނި ހިމެނެއެވެ.

މި ދުވަސްވަރަކީ، މާލޭގެ ލޮކްޑައުން އުވާލި ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވަމުންދާ ދުވަސްވަރެވެ. އިއްޔެ 137 މީހުން ޕޮޒިޓިވްވި އިރު، އޭގެ ކުރީ ދުވަހު 62 މީހުން ޕޮޒިޓިވްވެފައިވެއެވެ.