29 Jul 2020, 21:51
އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް އަމަލުކުރި 27 ތަނެއް މިއަދު ބަންދުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކެފޭ، ޖިމް ފަދަ ތަންތަން އިންސްޕެކްޓު ކުރުމުގެ މަސައްކަތް މިއަދު އެޗްޕީއޭއިން ވަނީ ކޮށްފައެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މީގެ ކުރިން ހިންގި އިންސްޕެކްޝަނުގައި މާލޭގެ ފިހާރަ، ސެލޫން އަދި ކެފޭ ފަދަ ހުރިހާ ތަނަކަށް ގޮސް ކޮވިޑުގެ އުސޫލުތަކާ އެއްގޮތަށް ހުރި ތަންތަން ބަލައި، އުސޫލުތަކަށް ނުފެތޭ ކަންކަން ކިޔައިދީފައިވާނެ ކަމަށެވެ.
"ދެވަނަ އިންސްޕެކްޝަނެއް މިއަދު މި ފެށީ. މި ޕްރޮގްރާމަށް އައުމާ ހިސާބަށް 52 ތަނެއް އިންސްޕެކްޓް ކުރެވުނު. އޭގެ ތެރެއިން 27 ތަނެއް ބަންދުކުރަން ޖެހުނު. 27 ތަނަކުން އުސޫލުތަކަށް ތަބާނުވޭ." މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑަކީ ނުރައްކާތެރި އަދި ފަރުވާއެއް ނެތް ބައްޔެއް ކަމަށާއި މިފަދަ ކަންކަން ދިމާވާނަމަ މި ބަލިން ސަލާމަތްވާން އުނދަގޫވާނެ ކަމަށެވެ.