29 Jul 2020, 22:09
ކޮވިޑްގެ ހާލަތު ގޯސްވިޔަނުދޭން އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަމާއަތުގައި ނަމާދު ނުކުރެވި ސްކޫލްތައް ބަންދުވެ ވިޔަފާރިތައް ހުއްޓި އެންމެން ގޭގައި ބަންދުވުމުގެ ގެއްލުން އަޅުގަނޑުމެން އެންމެނަށް ތަހައްމަލުކުރަން މިހާރު ޖެހިފައިވާ ކަމަށެވެ.
" ހާލަތު އިތުރަށް ގޯސްވުމަށް ފުރުސަތު ނުދެއްވާ. ކޮވިޑް 19ގެ ވަބާ އިން ސަލާމަތްވުމަށް އެންމެން އެކީ މަސައްކަތް ކުރަމާ،" ފައިސަލްގެ ޓުވީޓުގައިވެއެވެ.
ފައިސަލް އެފަދައިން ވިދާޅުވިއިރު ރާއްޖޭގައި ކޮވިޑް ފެތުރޭ ނިސްބަތް އަނެއްކާވެސް ވަނީ އިތުރުވާން ފަށައިފައެވެ. އެގޮތުން އިއްޔެ ވަނީ ކޮވިޑަށް 137 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 92 ދިވެހީން ހިމެނެއެވެ.
ކޮވިޑްގެ ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަވަމުންދާ ކަމަށާއި އެހެންކަމުން މާސްކު އަޅައި ގައިދުރުވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީންވެސް އިއްޔެ ވަނީ އިލްތިމާސްކުރައްވައިފިއެވެ. އަމީން ވިދާޅުވީ އާއްމު ހާލަތަށް ދާން ބޭނުންވާނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށެެވެ.
ކޮވިޑާ ގުޅިގެން މާލެ ފުރަބަންދު ކުރީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ފުރަބަންދު އުވާލައި އެކި ފިޔަވަހިތަކަށް ބަހާލައިގެން ލުއިތައް ދޭން ފެށީ މިދިޔަ މަހު ކުރީކޮޅުއެވެ.
ކޮވިޑްގެ ކޭސްތައް މާ ގިނައިން ފެންނަނަމަ އަލުން ފުރަބަންދުކުރަން ޖެހިދާނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.
ކޮވިޑް19 އަށް ޕޮޒިޓިވްވާ ދިވެހީންގެ އަދަދު އިތުރުވެ، ހޮސްޕިޓަލުގައި އެޑިމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.
ރާއްޖޭގައި މިހާތަނަށް 3،506 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު 2547 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ބަލީގައި 15 މީހަކު ވަނީ މަރުވެފައެވެ.