08 Jan 2012, 10:24
ކްލަބް މެޑް، ކަނިފިނޮޅުން ގެއްލުނު ކަމަށް ބެލެވޭ ޓޫރިސްޓް މީހާ ޕެރެޑައިސް ރިސޯޓް ކައިރީ ކަނޑުގެ ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އިއްޔެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ފްރާންސް ފިރިހެން މީހާގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ޕެރަޑައިސް ރިސޯޓް ކައިރިން ފެނިގެން މެރިން ޕޮލިހުން އެ މީހާގެ ހަށިގަނޑު މިއަދު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި އެއީ ސީދާ އެމީހާގެ ހަށިގަނޑުކަން ޔަގީންވާނީ އިތުރަށް ބަލަންޖެހޭ ބައެއް ކަންތައްތައް ބެލުމަށްފަހު ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"ވަރަށް ބޮޑަށް ބެލެވޭ އެއީ އެމީހާކަމަށް، ނަމަވެސް އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރީމައި އެކަންތައްތައް ބަލާފައި ސީދާ ބުނަން އެނގޭނީ،" ޝިޔާމް ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް އަބްދުއްރަހީމް މިއަދު ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ އެ މީހާ ފެނުނީ ޕެރަޑައިސް ކައިރިއަށް ޑައިވިންއަށް ގޮސް އައި ތުޅާގިރީގެ ޑައިވިން ދޯންޏަކަށް ކަމަށާއި އެމީހާ ފެނުނީ ޕެރަޑައިސްގެ ހުޅަނގު އުތުރު ކަންމަތީ ކަނޑުގެ ސަރަހައްދުން ކަމަށެވެ. ނަމަވެސް އެއީ އެމީހާ ކަމެއް އަދި މުޅިން ކަށަވަރުވެފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
" ރޭވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ އެމީހާ މޫދަށް އެރުނު ކަމަށް ރިސޯޓުން ބުނާ ސަރަހައްދު ހޯދުމަށް ހަރަކާތްތެރިވެފައި، އަދި މިއަދު އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމެއް ވެސް ވަނީ ގެއްލުނު ކަމަށް ބުނާ ސަރަހައްދުގައި ހަރަކާތްތެރިވެފައި،" އަބްދުﷲ ރަހީމް ވިދާޅުވި އެވެ.
ކަނިފިނޮޅުގެ އިރުއުތުރު ކޮޅަށް އިއްޔެ ހަވީރު އިތުރު މީހަކާއެކު މޫދަށް އެރިއުޅުނު އުމުރުން 50 އަހަރުގެ މީހާ ގެއްލިގެން ރިޕޯޓްކުރީ މޫދަށް އެރުނުތާ އިރުކޮޅެއް ފަހުންނެވެ.