30 Jul 2020, 09:00
ފިލްމު "ޒީރޯ" އަށް ފަހު، ޑައިރެކްޓަރު އާނަންދު އެލް ރާއީ ހަދާ ފިލްމު "އަތުރަންގީ ރޭ"ގެ ޝޫޓިން މެދުކެނޑުމަކަށްފަހު އަލުން ފެށުމަށް ނިންމައިފި އެވެ.
ކޮވިޑްގެ ސަބަބުން އެއްވެސް މަސައްކަތެއް ނުކުރެވި މެދުކެނޑިފައި އޮތުމަށްފަހު މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހު އެވެ. ފިލްމުގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން މަދުރާއީގައި ފެށުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ މަންޒަރުތައް ދިއްލީ އަދި މުމްބާއީގައި ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ތިން މަސް ދުވަހުގެ މުއްދަތަކަށް ޝޫޓިން ކުރިއަށްދާއިރު މި ފިލްމަކީ އަންނަ އަހަރު ސިނަމާތަކަށް ގެނައުމަށް ނިންމާފައިވާ ފިލްމެކެވެ.
"މި ލޮކްޑައުންތެރޭ ވަރަށް މަސައްކަތްކޮށްފިން ކުރިއަށް ހުރި ޝެޑިއުލްތަކުގެ މަސައްކަތްތައް ފުރިހަމައަށް ގެންދެވޭނެ ގޮތުގެ އިންތިޒާމް ހަމަޖެއްސުމަށް. ޝޫޓިން އަލުން މި ފަށަނީ ދުރާލައި ހުރިހާ ކަމެއް ވަރަށް ބޮޑަށް ރާވައިގެން،" ޑައިރެކްޓަރު ބުންޏެވެ.
އަކްޝޭ ކުމާރުއާއި ސާރާ އަލީ ހާން ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ދެކުނުގެ އެކްޓަރު ދަނޫޝް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ. ލޯބީގެ ވާހަކައެއްގެ މައްޗަށް ތައްޔާރުކުރާ އެ ފިލްމުން ސާރާ ފެނިގެންދާނީ ޑަބަލް ރޯލުންނެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ މިއުޒިކް ތައްޔާރުކުރާނީ ސުޝާންތުގެ "ދިލް ބޭޗާރާ"ގެ މިއުޒިކް ހަދައިދިން އޭއާރް ރަހްމާން އެވެ.