29 Jul 2020, 19:29
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ "އިހްތުޖާޖު"ގައި ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހި ކަމަށް ބުނާ މީހަކު ހުރިނަމަ، އެކަން ކުރި ވަގުތު އެމީހާ ހައްޔަރު ނުކުރީ ކީއްވެގެންތޯ އިދިކޮޅު ކޯލިޝަނުން ސުވާލު އުފައްދައިފި އެވެ.
ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މުޒާހަރާ ފެށުމުގެ ކުރިން ވެސް "ކަމެއް" ހިނގަން އުޅޭކަމުގެ އިޝާރާތެއް ފުލުހުން ވެސް ދީފައިވާ ކަމަށެވެ.
"ފުލުހުން މިއޮތީ ކުރިއަލާ [މުޒާހަރާ ފެށުމުގެ ކުރިން] އަޅުގަނޑުމެންގެ ނައިބު ރައީސް އަހްމަދު ޝިޔާމަށް ވެސް މީގެ ހިންޓެއް ދީފައި، ފުލުހުންނަށް އެބަ އެނގެޔޯ ކޮންމެވެސް ކަމެއް ވާން އުޅޭކަން،" ޝުޖާއު ވިދާޅުވި އެވެ.

ޕީއެންސީގެ ނައިބު ރައީސް އަހްމަދު ޝުޖާއު- ސަން ފޮޓޯ
ޝުޖާއު ސިފަ ކުރެއްވީ މިއީ މާ ކުރިން ބަޔަކު ރާވައިގެން ހިންގި އަމަލެއްގެ ގޮތުގަ އެވެ.
"ފުލުސް މީހާ ކުރިމަތީގައި ހުރެ، އާންމު ރައްޔިތަކު ކުޅު ޖެހީމާ އޭނާ ހައްޔަރު ނުކޮށް ހުންނާނެ ހެއްޔޭ؟ ކޮމިޝަނާ އޮފް ޕޮލިސް ޓުވީޓު ކުރެއްވިއިރު ކޮންމެވެސް ވަރަކަށް މިކަހަލަ ކަންތައްތަކާ ވިސްނާލައްވަން އެބަޖެހޭ. ރައްޔިތު މީހާ ފުލުސް މީހާ ގަޔަށް ހައްޕުނޑު ޖަހާ ވަގުތު އޭނާ ހައްޔަރު ނުކުރަންވީ ކީއްވެގެންތޯ. ފުލުހެއް ގަޔަށް މިއުޅެނީ ހައްޕުނޑު ޖަހައިގެން. ހައްޔަރެއް ނުކުރޭ، ސީންގައި،" ޝުޖާއު ވިދާޅުވި އެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ އެ ޕާޓީން މިހާތަނަށް ބެލި ބެލުންތަކުން ފުލުސް މީހާ ގަޔަށް ހައްޕުނޑު ޖަހާފައި ހުރީ މަތިން ކަމަށް ލަފާކުރެވޭ ކަމަށެވެ.
"އެއް ދިމާލަކުން ނޫން ހުރީ އައިސްފައި. ފުލުސް އޮފިސަރުންގެ ވަށައިގެން ހުރި [ހައްޕުނޑު]. އަޅުގަނޑުމެންނަށް ހީވަނީ، އަޅުގަނޑުމެންގެ އެނަލިސިސްއިން އެނގޭ އެއްޗަކީ ކުރިމަތިން ނުވަތަ ވަކި ފަރާތަކުން ޖެހުމަށްވުރެ މަތިން ކޮށްފައި ހުރި ކަމެއްގެ ގޮތުގައި،" ޝިޔާމް ވިދާޅުވި އެވެ.

ޖުލައި 28، 2020: އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ 'އިހްތުޖާޖު' ގެ ތެރެއިން: މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޝިޔާމް ވިދާޅުވީ މިކަމުގެ މައުލޫމާތު ފުލުހުންނަށް މުޒާހަރާގެ ކުރިން ވެސް ލިބިފައި އޮތުމުން، މިކަން ކުރި ބަޔަކު ވެސް ފުލުހުންނަށް އެނގޭނެ ކަމަށެވެ.
"އެ މައުލޫމާތު ލިބުނު ސޯސްއަކުން އެ މައުލޫމާތަށް އަދިވެސް އިތުރަށް ތިޔަބޭފުޅުން ފީނަވާ އިތުރަށް އިންވެސްޓިގޭޓް ކުރައްވާ. އިންވެސްޓިގޭޓް ކުރައްވާފައި މި ހަޑިމުޑުދާރު އަމަލު ހިންގި ފަރާތް ތަހުގީގުގެ ކުރިމައްޗަށް ގެނެސް، އެ ފަރާތަކަށް ދޭން ޖެހޭ އަދަބު ދެއްވާ،" ޝިޔާމް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 100 އާއި 150 އާ ދެމެދުގެ އަދަދަކަށް މީހުން އެއްވި ރޭގެ އެއްވުން ލީޑް ކޮށްފައިވަނީ، އިދިކޮޅުގެ ބައެއް މަޖިލިސް މެންބަރުންނާއި ކުރީގެ މަޖިލިސް މެންބަރުންނާއި މިދިޔަ ސަރުކާރުގެ ސިޔާސީ މަގާމުތައް އަދާކުރެއްވި ބޭފުޅުންނެވެ.

ޖުލައި 28، 2020: އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ 'އިހްތުޖާޖު' ގެ ތެރެއިން: މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެއްވުމުގެ ބައިވެރިންގެ މައިގަނޑު ޑިމާންޑަކީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމެވެ. އަދި މިސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފަ އެވެ.