ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރެވޭނީ ވީޑިއޯ ކޮންފަރެންސްކޮށް އެކަނި ކަމަށާއި އެމަނިކުފާނާ ގާތުން ބައްދަލު ކުރެވޭނެ އިންތިޒާމެއް ނެތް ކަމަށް ކަރެކްޝަންސް އިން ބުނެފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ކޮވިޑް19 ގެ ސަބަބުން ކަމަށް ބުނެ މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފެށިގެން ރައީސް ޔާމީންއަށް ވަކީލުންނާ ބައްދަލުކޮށް ގާނޫނީ އެހީތެރިކަން ހޯދުމުގެ ހައްގަށް ކަރެކްޝަންސް އިން ހުރަސް އަޅަމުން އަންނަ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން މިއަދު ކަރެކްޝަންސްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރައީސް ޔާމީނަށް ވަކީލުންގެ ބައްދަލުވުން ބާއްވަން ހުރަސް ނާޅާ ކަމަށެވެ. އަދި ކަރެކްޝަންސްއިން އިސްވެ، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނަށް 14 ޖުލައިގައި ފޮނުވި ސިޓީގައި، ބައްދަލުވުމަށް އެދުމުން، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބައްދަލުވުން ހަމަޖައްސައި ދޭނެ ކަމަށް ސާފުކޮށް ދަންނަވާފައި ވާނެ ކަމަށްވެސް ކަރެކްޝަންސްއިން ބުނެފައިވެއެވެ.

ކަރެކްޝަންސްއިން މިހެން ބުނެފައި ވަނިކޮށް، އެ ވާހަކަތަކަށް ރައްދުދީ މިއަދު އަނެއްކާވެސް ރައީސް ޔާމީންގެ ވަކީލުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަކީލުން ވިދާޅުވީ، ކަރެކްޝަންސްއިން މިއަދު ނެރުނު ބަޔާނުގައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް ފޯމު ހުށަހަޅަން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ދިޔަ ކަމަށާއި، ނަމަވެސް އެމަނިކުފާނާ ބައްދަލުކުރެއްވޭނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް މާލޭ ޖަލުން ބުނި ކަމަށް ވަކީލުންގެ ބަޔާނުގައިވެއެވެ. އަދި ކޮވިޑް-19އާ ގުޅިގެން ސީދާ ގާތުން ބައްދަލުވެވޭ އިންތިޒާމެއް ހަމަޖެހިފައިނުވާ ކަމަށް ބުނި ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

"ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ބައްދަލުކުރަން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ދިޔުމުންވެސް މާލޭ ޖަލުން މައުލޫމާތު ދެއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލުކުރެވޭނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށާއި، ކޮވިޑް-19އާ ގުޅިގެން ސީދާކޮށް ގާތުން ބައްދަލުކުރުމުގެ އެއްވެސް އުސޫލެއް އަދި އިންތިޒާމެއް ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި އެއްވެސް ހާލެއްގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅައިފި ނަމަ ސީދާކޮށް ގާތުން ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަކަށް ބަޔާންކޮށް އެއްވެސް އިރުޝާދެއް ދީފައި ނުވެއެވެ." ވަކީލުންގެ ބަޔާނުގައިވެއެވެ.

ކުރިއަށް އޮތީ ބަންދު ދުވަސްތަކަކަށް ވާއިރު، މިއަދު ސަރުކާރުގެ ރަސްމީ ގަޑި ނިމެން ގާތްވެފައި ވަނިކޮށް ކަރެކްޝަންސް އިން އެ ބަޔާން ނެރުމުން އެކަމުގައި ނުބައި ނިޔަތެއް އޮތް ކަން ހާމަވާ ކަމަށް ވެސް ވަކީލުން ވިދާޅުވިއެވެ.

އަދި މާލޭ ޖަލުން ވަކީލުންނަށް ދިން މައުލޫމާތާއި ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނުގައި ހުރި ވާހަކަތައް ދިމާނުވާ ކަމަށްވެސް ވިދާޅުވެފައިވެެއެވެ. އެހެންވެ، ޖަލުތައް ހިންގަނީ ކަރެކްޝަންސް ނޫން ފަރާތަކުންތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވުމުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އެ ހުކުމް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ. އެ ހުކުމްގެ އިސްތިއުނާފު މިހާރު ހައިކޯޓުގައި ކުރިއަށް އެބަދެއެވެ. މިހާރު ދައުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއްވެސް ހުށަހަޅައިފައެ