29 Jul 2020, 14:16
މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލުންގެ ބައްދަލުވުމަށް ހުރަސް އަޅާކަމަށް ބުނާ ވާހަކަ ކަރެކްޝަންސް އިން ދޮގުކޮށްފި އެވެ.
އެ މައްސަލައިގައި ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަކީލު ބައްދަލުވުމާ ގުޅޭގޮތުން، އެ ސާވިސް އިން އިސްވެ، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނަށް 14 ޖުލައިގައި ފޮނުވި ސިޓީގައި ބައްދަލުވުމަށް އެދުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބައްދަލުވުން ހަމަޖައްސައި ދޭނެ ކަމަށް ސާފުކޮށް ދަންނަވާފައި ވާނެ ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން ދިމާވެފައިވާ ހާލަތުގައި ވަކީލު ބައްދަލުވުމަށާއި އެހެނިހެން ބައްދަލުވުންތަކަށް އެދޭ ފޯމުތައް އީމެއިލް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް އެ ސާވިސް އަށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން އާންމުކޮށް އިއުލާނުކޮށްފައިވާކަން ވެސް ކަރެކްޝަންސް އިން ވަނީ ފާހަގަކޮށްފަ އެވެ.
ކަރެކްޝަންސް އިން ބުނީ ކޮވިޑް19 ހާލަތާ ގުޅުވައި، ގާނޫނީ ވަކީލުންނާއި އެހެނިހެން ބައްދަލުވުންތަކަށް އެދި މި ސާވިސްއަށް އީމެއިލް ކުރުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިންް އެ ބައްދަލުވުމެއް އިންތިޒާމުކޮށްދެވޭނެ ކަމަށެވެ.
މީގެ އިތުރުން ވެސް މިކަމާ ގުޅޭ މައުލޫމާތު ރައީސް ޔާމީން އަށާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނަށް ދީފައި ވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ
ހަމައެއާއެކު ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން މާލޭ ޖަލަށް ހުށަހެޅި ފޯމާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ އިރުޝާދު މާލޭ ޖަލުން ވަކީލުންނަށް ދީފައިވާނެ ކަމަށް ވެސް ބުންޏެވެ.
"ނަމަވެސް މާލޭ ޖަލުން ދީފައިވާ އިރުޝާދަށް އަމަލުނުކޮށް، ހަގީގަތް އޮޅޭ ފަދަ ގޮތަކަށް މަައުލޫމާތު ފެތުރުމަކީ އެކަމާ މެދު މި ސާވިސް އިން ކަންބޮޑުވާ ކަމެކެވެ." ކަރެކްޝަންސްގެ ބަޔާނުގައިވެ އެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ކޮވިޑް19 ގެ ސަބަބުން ކަމަށް ބުނެ މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފެށިގެން ރައީސް ޔާމީންގެ ވަކީލުންނާ ބައްދަލުކޮށް ގާނޫނީ އެހީތެރިކަން ހޯދުމުގެ ހައްގަށް ކަރެކްޝަންސް އިން ހުރަސް އަޅަމުން އަންނަ ކަމަށެވެ.