29 Jul 2020, 13:54
އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށް ފްލައިޓަށް އެރިފަހުން ކޮވިޑް-19 އަށް ޕެސެންޖަރަކު ޕޮޒިޓިވްވެފައިވާކަން އެނގުމުން ހުރިހާ ފަސެންޖަރުން ބާލުވައި ފްލައިޓް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ކޮވިޑާ ގުޅިގެން އިންޑިއާ ފުރަބަންދުގައި އޮތް ނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން ދިވެހިންނަށް އެ ގައުމަށް ބޭސްފަރުވާއަށް ދިއުމުގެ އިންތިޒާމްތައް ދެ ސަރުކާރުން ގުޅިގެން ވަނީ ހަމަަަޖައްސާފަ އެވެ. އެގޮތުން އެ ގައުމަށް ދިއުމުގެ ކުރިން ރާއްޖެ އިން ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވާން ޖެހެ އެވެ. އަދި އިންޑިއާއަށް ދިއުމަށް ފަހު ވެސް އެ ގައުމުގައި ކަރަންޓީނުވެ ކޮވިޑަށް ޓެސްޓް ކުރަން ޖެހެ އެވެ.
އާސަންދައިގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިއަދު މެންދުރު އިންޑިއާގެ ޓްރެވެންޑުރަމަށް ދިއުމަށް ފްލައިޓަށް އަރާއިން ޕޭޝަންޓެއް ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުމާއި ގުޅިގެން އޭނާ އާއި އޭނާގެ އެހީތެރިޔާ ފިޔަވައި ދެން ތިބި މީހުން ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެންމެން ފްލައިޓުން ބާލުވައި ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާސަންދައިގެ ދަށުން އިއްޔެ އިންޑިއާށް ދާން މަސައްކަތް ކުރި މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާއަށް ފުރިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މީގެ ކުރިން ކޮވިޑް-19އަށް ޕޮޒިޓިވްވެ ރަނގަޅުވެފައި ހުރި މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ހުއްޓާ އަނެއްކާ ވެސް ވައިރަހަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
އެ މީހާ ޕޮޒިޓިވްވުމުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ ތިނެއް ކަމަށް އާސަންދައިން ބުންޏެވެ. އެ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ އެހީތެރިންގެ ގޮތުގައި ދިޔަ މީހުންނެވެ.