08 Jan 2012, 09:42
އިސްލާމް އާބާދު (ޖަނަވަރީ 8) : ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ މަޤާމުން ދުރުކުރުމަށް ސިފައިން ބާރުއަޅަމުން ގެންދާކަމަށް ދާދިފަހުން ފެތުރުނު ޚަބަރުތަކެއް އޭނާ ދޮގުކުރައްވައިފިއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒަރުދާރީ ވިދާޅުވީ މަޤާމުން އިސްތިއުފާ ދިނުމަށް އެއްވެސް ފަރާތަކުން އޭނާގެ ކިބައިން ނޭދޭކަމަށާއި އެކަމާބެހޭ ފިއްތުމެއްވެސް ކުރިމަތިނުވާ ކަމުގައެވެ. ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ފަރުވާކުރުމަށް ދާދިފަހުން ޒަރުދާރީ ޤައުމު ދޫކުރައްވައި ދުބާއިއަށް ވަޑައިގެންނެވީ ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ފަރުވާކުރުމުން ޒަރުދާރީގެ ފުރާނައަށް ގެއްލުމެއްދީފާނެ ކަމުގެ ބިރުއޮތުމުން ކަމަށް ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ ވިދާޅުވެފައިވެއެވެ.
ޕާކިސްތާނުން ފިއްލެވުމަކީ ހަމައެކަނި އޮތް ޙައްލުތޯ ދެންނެވުނު ސުވާލެއްގެ ޖަވާބުގައި މީގެ 4 ހަފްތާކުރިން ދުބާއިގައި ޒަރުދާރީވަނީ އެއީހަމައެކަނި ޙައްލުނޫންކަމާއި އެނޫން ޙައްލުތައްވެސް ހުންނާނެކަމަށް ވިދާޅުވެ އޭނާމަޤާމުން ދުރުކުރުމަށް ބާރުގަދަ ފަރާތަކުން މަސައްކަތްކުރަމުން ގެންދާހެން ހީވާފަދަ ގޮތަކަށް ވާހަކަ ދައްކަވާފައެވެ. ނަމަވެސް އިއްޔެ ޕާކިސްތާނުގައި ދެއްކި ޓީވީ ޕްރޮގްރާމެއްގައި ޒަރުދާރީ ފެނިފައިވަނީ ސާބިތުކަމާއި ހިތްހަމަޖެހުމާއެކުގައި ކަމަށް މުރާސިލުން ބުނެއެވެ.
އިޤްތިސާދީ ހީނަރުކަމާއި ދާޚިލީ ތަޅާފޮޅުމާއި އެމެރިކާފަދަ ބޭރުގެ ބާރުތަކުގެ ނުފޫޒު ޕާކިސްތާނަށް އިތުރުވުންފަދަ ކަންކަމުގެ ސަބަބުން ޒަރުދާރީގެ މަޤްބޫލުކަން ޕާކިސްތާނުގެ ރައްޔިތުންގެ މެދުގައިވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. މިމައްސަލަތަކާގުޅިގެން ސިފައިންގެ ނުރުހުންވެސް ޒަރުދާރީއަށް އަމާޒުވެފައވާ ކަމުގެ ޚަބަރުތައް ޕާކިސްތާނުގައިވަނީ ފެތުރިފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުންނާއި ރައީސުން މަޤާމުން ދުރުކޮށް ޢަސްކަރީ އިންޤިލާބުތައް ގެނައުމަކީ އެޤައުމުގައި ވަރަށް ގނައިން ހިނގަމުންދާ ކަމެކެވެ. އަދި މަޤާމުން އިސްތިއުފާ ދިނުމަށްވެސް ސިފައިން ވަރަށް ގިނަފަހަރު ޕާކިސްތާނުގެ މަދަނީ ރައީސުންގެ ކިބައިން އެދި އެމީހުންގެ މަސައްކަތުގެ ތެރެއަށް ބާރުގެ ބޭނުންކޮށްގެން ވަނުމަކީވެސް ޕާކިސްތާނުގައި ސިފައިން ހިނގާފައިވާ ކަންތައްތަކެވެ. -- ރޮއިޓާސް