29 Jul 2020, 12:30
ޖެނީވާ (ޖުލައި 29) : ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ރަނގަނޅު ގޮތަކީ ރައްކާތެރި ފިޔަވަޅުތައް އެޅުންކަމަށާއި އެފިޔަވަޅުތައް އަޅައިފިނަމަ އެރޯގާ ކޮންޓްރޯލް ކުރެވޭނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔޫއެޗްއޯ ގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.
ޓެޑްރޮސް އަދަނޮމް ގަބްރިޔޭސުސް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޓަކައި ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ބުރަބަންދުގައި ތިބުންފަދަ ތަކްލީފުތައް އަބަދު ނުއުފުލޭނެ ކަމަށާ އެއީ ބޭނުންކަމަކަށްވިޔަސް އެކަމުގެ ގެއްލުން އިންތިހާއަށް ބޮޑުވެ އިގްތިސާދުތައް އިނދަޖެހި ގިނަބަޔަކު ފަގީރު ހާލަތަށް ވެއްޓިގެންދާތީ މިހާރު ބަލަންވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އިގްތިސާދީ ހަރަކާތްތައް ފަށައި ބޯޑަރުތައް ހުޅުވާލައި ކުރީގެ ހާލަތަށް އެނބުރިއައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރުނު ދުވަސްވަރު ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ބުރަބަންދުގައި ތިބުމަށް ބާރުއެޅީ އެއީ އައު ރޯގާއަކަށް ވެފައި އެރޯގާގެ ކުރީކޮޅު ގައުމުތަކުގެ ސިއްހީ ނިޒާމުތައް އެކަމަށް ތައްޔާރުވެފައި ނެތުމުންނާއި އާންމުންގެ ހޭލުންތެރިކަން އެރޯގާއަށް ކުޑަވާނެތީ އެވަގުތުގެ ހާލަތާގުޅޭގޮތުން ކަމަށާ އެހާލަތު މިހާރު ބަދަލުވެއްޖެ ކަމަށް ގަބްރިޔޭސުސް ވިދާޅުވި އެވެ.
ޖެނީވާގައި ހުންނަ ޑަބްލިޔޫއެޗްއޯ ގެ މައިއޮފީހުގައި އިންޓަނެޓް މެދުވެރިކޮށް ބޭއްވި ނޫސްކޮންފަރެންސެއްގައި ގަބްރިޔޭސުސް ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިންއެއް އުފެއްދެންދެން އެރޯގާ ފެތުރެމުންދާނެ ކަމުގަ އެވެ. ނަމަވެސް ރައްކާތެރި ފިޔަވަޅުތައް އެންމެން އަޅާނަމަ އެރޯގާ އޮންނާނީ ކޮންޓްރޯލް ހާލަތެއްގައި ކަން އޭނާ ކަށަވަރުކޮށް ދެއްވި އެވެ. ރައްކާތެރި ކަމުގެ ފިޔަވަޅުތަކަކީ އެކަކު އަނެކަކާ ގައިދުރުކަން ބެހެއްޓުމާއި ކައިރިކައިރީގައި ނުތިބުމާއި ގިނަބަޔަކު އެއްތަނަކަށް ޖަމާވާގޮތަށް އެއްވެ ނޫޅުމާއި މާސްކް އެޅުމާއި ލޮލާއި އަނގައާއި ނޭފަތަށް އަތްނުލުމާއި ގިނަގިނައިން އަތްދޮވުމާއި ޑިސްއިންފެކްޓް ކުރަންޖެހޭ ތަންތަނާއި ތަކެރި ޑިސްއިންފެކްޓް ކުރުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޓަކައި ބޯޑަރުތައް ބަންދުކޮށް އިގްތިސާދީ ހަރަކާތްތައް ހުއްޓާލައިގެން ފުރަބަންދުގައި ތިބުމަކީ ހައްލެއް ނޫން ކަމަށާ އެއީ ދިގު މުއްދަތަކަށް ކުރެވޭނެކަންކަން ނޫންކަމަށް ގަބްރިޔޭސުސް ވިދާޅުވިއެވެ. ބޯޑަރުތައް ހުޅުވާލިޔަސް އަދި އިގްތިސާދީ ހަރަކާތްތައް ފެށިނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެކަންކުރިޔަށް ގެންދާނަމަ ކޮވިޑް-19 އޮންނާނީ ކޮންޓްރޯލް ހާލަތެއްގައި ކަމަށާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނަމަ ސިއްހީ ނިޒާމަށް ނުތަކާވަރަށް ބަލި ފެތުރިގެން ނުދާނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ހާލަތްތައް އިތުރުވިނަމަވެސް ބޯޑަރުތައް ހުޅުވާލައި އިގްތިސާދީ ހަރަކާތްތައް ހުއްޓާނުލުމަށާ އަދި މީހުން މަސައްކަތަށް ނުކުތުމަށާއި ވިޔަފާރިތައް ބަންދުނުކުރުމަށް ގަބްރިޔޭސުސް އެދިވަޑައިގެންނެވި އެވެ. ކޮވިޑް-19 ގެ ހާލަތްތައް އިތުރުވިޔަސް ރައްކާތެރި ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި އެންމެން އަޅާނަމަ އެރޯގާ ކޮންޓްރޯލް ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގެ ވެރިޔާ ވިދާޅުވި އެވެ. -- ނޫސްއެޖެންސީތައް