29 Jul 2020, 10:36
ޗެމްޕިއަންސް ލީގު ފެށުމަށް ބާކީ 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް ރެއާލް މެޑްރިޑްގެ ހުނަރުވެރި ފޯވާޑް މަރިއާނޯ ޑިއާޒް ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާކަން އެ ކްލަބުން ހާމަކޮށްފި އެވެ.
ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދި ރެއާލް މެޑްރިޑުން ވަނީ ލީގު ނިންމާލުމަށްފަހު ކުޅުންތެރިންނަށް ޗުއްޓީ ހޭދަކޮށްލުމަށް ވަގުތު ދީފަ އެވެ. އެކަމަކު ޗެމްޕިއަންސް ލީގަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފެށުމުގެ ކުރިން ރެއާލްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން މިދިޔަ ހޯމަ ދުވަހު ވަނީ ކޮވިޑް-19ށް ޓެސްޓު ކޮށްފައެވެ.
ރެއާލުން ބުނީ ޑިއާޒް ޕޮޒިޓިވްވެފައިވާ ކަން އެނގިފައިވަނީ ހޯމަ ދުވަހު ހަދާފައިވާ ޓެސްޓު ތަކުން ކަމަށެވެ. ޑިއާޒް ޕޮޒިޓިވްވި ނަމަވެސް އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި މިވަގުތު އޭނާ ހުރީ ގޭގައި އައިސޮލޭޝަންގައި ކަމަށް އެކުލަބުން ވަނީ ބުނެފައެވެ. އަދި އޭނާގެ ގައިން އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށްވެސް ރެއާލުން ބުނެ އެވެ.
އޮގަސްޓް ހަތްވަނަ ދުވަހު ގަދަ 16 ގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެން ޖެހޭ އިރު ރެއާލަށް މިހާރު ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ފުރަތަމަ ލެގުގައި 1-2 އިން ރެއާލް ބަލިވެފައި އޮތުމުން އެ މެޗުގައި ނަތީޖާ ނެރުމަށް ރެއާލުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ މިހާރުވެސް އެ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ތަކަކަށް ވަނީ އަނިޔާވެފަ އެވެ.
އެހެން ނަމަވެސް ލީގުގެ ތަށްޓާއެކު ޒައިނުއްދީން ޒިދާންގެ ޓީމު މިވަގުތު އޮތީ ރަނގަޅު ފޯމެއްގަ އެވެ. ލޮކްޑައުންއަށް ފަހު ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅު ހޯދާފައިވާ ރެއާލްއަކީ އަބަދުވެސް ޗެމްޕިއަންސް ލީގުގައި ތަފާތު ދައްކާ ޓީމަކަށްވާ އިރު އަންނަ މެޗު ސިޓީގެ ދަނޑުގައި ކުޅުމަށް ވަނީ ހުރަސްތަކެއް އެޅިފަ އެވެ.
ސަބަބަކީ ސްޕެއިނުން އިނގިރޭސިވިލާތަށް އަންނަ އެންމެން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމާފައި އޮތުމުންނެވެ.