އީރާނުގެ ނިއުކްލިއަ ޕްރޮގްރާމަކީ ކަރަންޓް އުފެއްދުމަށް ހިންގާ މަދަނީ ޕްރޮގްރާމެއް ކަމަށް އެ ގައުމުން ބުނި ނަމަވެސް އެ ޕްރޮގްރާމްގެ ބޭނުމަކީ ހަތިޔާރު އުފެއްދުން ކަމަށް ބުނެ އެމެރިކާއާއި އެ ގައުމުގެ ބައިވެރިން ވަނީ އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއެކު އީރާނުން ވަނީ ރުޅިވެރިކަން ފާޅުކުރުމުގެ އެތައް ކަމެއް ފަށާފަ އެވެ. އަރަބި ގަލްފަށް ވަންނަން އޮންނަ މަޝްހޫރު ހޮޒުމުޒް ކަނޑުއޮޅި ބަންދުކޮށްފާނެ ކަމަށް ބުނެ ދިން އިންޒާރަކީ އޭގެ ތެރެއިން އެއް ކަންތަކެވެ.

ހޮޒުމުޒް ކަނޑު އޮޅި ބަންދުކޮށްފާނެ ކަމަށް އީރާނުން ބުނުމުން، އެއީ ގާނޫނުތަކާ ހިލާފުކަމެއް ކަމަށް ބުނެ އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ އެކަމާ ދެކޮޅަށް ތެދުވެފަ އެވެ.

އެމެރިކާގެ ބާރު މިހާރު ވެސް މެދު އިރުމަތީގައި ވަރަށް ބޮޑަށް އޮތުމުން ކުރަން ޖެހޭ އިތުރު މަސައްކަތެއް ނެތިފައި އޮތަސް އިނގިރޭސިން މިހާރު ވަނީ އީރާނު ހުއްޓުވުމުގެ މުޅިން އާ މަސައްކަތްތަކެއް ފަށާފަ އެވެ. އެގޮތުން މެދުއިރުމަތީގައި ހުރި އިނގިރޭސި މަނަވަރުތަކުގެ ބަދަލުގައި ޒަމާނީ އާ މަނަވަރުތައް ފޮނުވުމުގެ މަސައްކަތް އިނގިރޭސިން މިހާރު ވަނީ ފަށާފަ އެވެ.
ހޮރުމުޒް ކަނޑުއޮޅި ބަންދުކުރިޔަ ނުދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އިނގިރޭސިވިލާތުން ވަނީ ގަލްފު ސަރަހައްދުގައި އެމީހުން ކުރިން ގެންގުޅުނު ކުރީގެ މަނަވަރުތަކުގެ ބަދަލުގައި އެންމެ މިޒަމާނުގެ އާ މަނަވަރެއް އެ ސަރަހައްދަށް ފޮނުވާފަ އެވެ.

ޓައިޕް 45 ގެ އެޗްއެމްއެސް ޑެއަރިން އަކީ ރާޑަރަށް ފެނުން އުނދަނގޫ ވުމުގެ އިތުރުން ޒަމާނީ އެތައް ޓެކްނޮލޮޖީއަކާއެކު އުފައްދާފައިވާ އެއް ބިލިޔަން ޕައުންޑްގެ އަގުހުރި މަނަވަރެކެވެ.

ޗިންހޫކް ހެލިކޮޕްޓަރާ އެއްވަރުގެ ބޮޑެތި ހެލްކޮޕްޓަރެއް އުފުލޭ އެ މަނަވަރުގައި 180 ކަނޡޑުގެ ސިފައިން ހަރަކާތްތެރިވާއިރު އެ މަނަވަރަކީ ދުވެލިވެސް ވަރަށް ބާރު މަނަވަރެއް ކަމަށް އިނގިރޭސި ނޫސްތަކުން ބުނެއެވެ.

އިނގިރޭސިންގެ ޒަމާނީ މަނަވަރެއް ހޮރުމުޒް ކަނޑުއޮޅީގެ ކައިރިއަށް ފޮނުވާފައިވާއިރު އީރާނުން އެ ކަނޑުއޮޅި ބަންދުކުރުން ހުއްޓުވުމަށް އަސްކަރީ ހަރަކާތަކަށް ދާން ޖެހުނަސް އެކަން ކުރާނެ ކަމަށް އިނގިރޭސި ދިފާއީ ވަޒީރު ފިލިޕް ހަމޮންޑް ވަނީ ކުރިން ވިދާޅުވެފަ އެވެ.

ހޮރުމުޒް ކަނޑުއޮޅީގައި އީރާނުގެ ކަނޑުގެ ސިފައިން ކުރިއަށް ގެންދިޔަ ތަމްރީނުތައް މިދިޔަ ހަފުތާގައި ނިންމާލާފައިވާއިރު އިސްރާއީލާއި އެމެރިކާ ގުޅިގެން މިސައިލުން ދިފާއުވުމުގެ ތަމްރީނުތަކެއް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.
އެމެރިކާއިން ހަރަދުކޮށްގެން އުފައްދާފައިވާ ޖައްވުގެ ތެރޭގައި ވަނިކޮށް މިސައިލް ހަލާކުކޮށްލާ ނިޒާމެއް ކަމަށްވާ "އެރޯ ސިސްޓަމް" އިސްރާއީލުން މިހާރު ވަނީ ގާއިމްކޮށްފަ އެވެ.

އެމެރިކާއާއި އިނގިރޭސިވިލާތް އަދި އިސްރާއީލުން މިހާރު ވަމުން އަންނަ ތައްޔާރީތަކަށް ބަލާއިރު އެ ގައުމުތަކުގެ ބޭނުމަކީ އީރާނަށް ބިރުދެއްކުން ކަމެއް ނުވަތަ އީރާނާއެކު ހަނގުރާމައަކަށް ދިއުން ކަމެއް ސާފެއް ނުވެއެވެ.