ކޮވިޑް19ގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްކަކަށް އެސްޑީއެފްސީ މެދުވެރިކޮށް 198 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 27 ގެ ނިޔަލަށް 1،427 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފަ އެވެ. އެހާތަނަށް 2،983 ފަރާތުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށާއި 432 ފަރާތެއްގެ އެޕްލިކޭޝަން އެކި ސަބަބުތަކާހުރެ ރިޖެކްޓް ކޮށްފައިވާކަމަށް ވެސް ތަފާސް ހިސާބުތައް ދައްކަ އެވެ.

އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ 219 ވިޔަފާރިއަކަށް 50.4 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ އިރު ދަތުރުފަތުރުގެ ދާއިރާ އަށް 18.2 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވެ އެވެ. އެއީ ޖުމްލަ 71 ވިޔަފާރިއަކަށެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު އަމިއްލަ މަސައްކަތްކުރާ 1365 މީހަކު ވަނީ ލޯނު އެހީއަށް އެދިފަ އެވެ. އޭގެ ތެރެއިން 494 ފަރާތަކަށް، 14.7 މިލިއއަން ރުފިޔާ ދޫކުރަން މިހާތަނަށް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 11 ވިޔަފާރިއަކަށް 1.7 މިލިއަން ރުފިޔާ، ކޮންސްޓްރަކްޝަން ދައިރާގެ 152 ވިޔަފާރިއަކަށް 40.6 މިލިއަން ރުފިޔާ، މަސްވެރިކަމުގެ ދާއިރާގެ 18 ވިޔަފާރިއަކަށް 3.2 މިލިއަން ރުފިޔާ، މެނުފެކްޗަރިން ނުވަތަ އުފެއްދުންތެރިކަމުގެ ދާއިރާގެ 86 ވިޔަފާރިއަކަށް 16.1 މިލިއަން ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު އަމިއްލަ މަސައްކަތްކުރާ 151 އަންހެނަކަށް 4.1 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. އަދި އަންހެނުން ހިންގާ 159 ވިޔަފާރިއަކަށް 28.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ.

މިހާތަަށް ލޯނު ދޫކުރި ފަރަތްތަކުގެ ތެރޭގައި ވިޔަފާރިކުރާ އަދި އަމިއްލަ މަސައްކަތް ކުރާ 456 އަންހެނުން ހިމެނެ އެވެ.

ކޮވިޑާ ގުޅިގެން އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް 19 ވިޔަފާރި އެހީ"ގެ ނަމުގައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެސްޑީއެފްސީ އިން ތައާރަފު ކުރި ލޯނު ސްކީމުގެ ދަށުން 500،000 ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެ އެވެ.

މި ލޯނު ދޫކުރަނީ ހަ ޕަސެންޓު އިންޓްރެސްޓުގައި ގިނަވެގެން ތިން އަހަރުން ދައްކާ ގޮތަށެވެ.