28 Jul 2020, 22:24
ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަވަމުންދާ ކަމަށާއި އެހެންކަމުން މާސްކު އަޅައި ގައިދުރުވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިލްތިމާސްކުރައްވައިފިއެވެ.
އަމީން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާއްމު ހާލަތަށް ދާން ބޭނުންވާނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށެެވެ.
"މާސްކު އަޅުއްވާ، އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރައްވާ، ބައްދަލުވާ އަދަދު މަދުކުރައްވާ، ކޮންމެހެން ނުކުންނަންޖެހޭ ހާލަތުގައި މެނުވީ ނުކުމެވަޑައި ނުގަންނަވާ. ނުރައްކަލުގެ ރަގަބީލުގެ އަޑު އެބަގަދަވޭ!" އަމީން ވިދާޅުވިއެވެ.
އަމީން އެފަދައިން ވިދާޅުވިއިރު މިއަދު އެކަނިވެސް ކޮވިޑަށް 137 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 92 ދިވެހީން ހިމެނެއެވެ.
އިއްޔެ ޕޮޒިޓިވްވީ 67 މީހެކެވެ. އަދި މިދިޔަ އާދިއްތަ ދުވަހު 50 އާ ކޭސް ފެނިފައިވެއެވެ.
ކޮރޯނާއާ ގުޅިގެން މާލެ ފުރަބަންދު ކުރީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ފުރަބަންދު އުވާލައި އެކި ފިޔަވަހިތަކަށް ބަހާލައިގެން ލުއިތައް ދޭން ފެށީ މިދިޔަ މަހު ކުރީކޮޅުއެވެ.
ކޮރޯނާގެ ކޭސްތައް މާ ގިނައިން ފެންނަނަމަ އަލުން ފުރަބަންދުކުރަން ޖެހިދާނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.
ކޮވިޑް19 އަށް ޕޮޒިޓިވްވާ ދިވެހީންގެ އަދަދު އިތުރުވެ، ހޮސްޕިޓަލުގައި އެޑިމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިއްޔެ ވަނީ ބުނެފައެވެ.
ރާއްޖޭގައި މިހާތަނަށް 3،506 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު 2547 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ބަލީގައި 15 މީހަކު ވަނީ މަރުވެފައެވެ.