ސޫރިޔާގައި މިދިޔަ ހުކުރުދުވަހު ގޮއްވާލި ބާރުގަދަ ބޮމާއި އޭގެތަންކޮޅެއްކުރިން ފެށިގެން އެޤައުމުގައި ދޭތެރެއަކުން ގޮއްވަމުން ގެންދާ ބޮންތަކުގެ ފަހަތުގައިވާ ފަރާތަކާމެދު އެމެރިކާގެ މަޖައްލާއެއް ކަމަށްވާ "ޓައިމް" ގައި ސުވާލުކޮށްފައިވެއެވެ.

"ޓައިމް" މަޖައްލާ ބުނާގޮތުން މިދިޔަ ހުކުރުދުވަހު ދިމިޝްޤު ގުޑައިގެންދިޔަ ބާރުގަދަ ބޮމާއެކު ސޫރިޔާ ސަރުކާރުގެ މީޑިޔާގެ ކެމެރާތައް ފޯކަސްކޮށްފައިވަނީ އެބަޮން ގޮއްވާލި މައިދާން އަވަށުގައިވާ ލޭގެ ކޯރުތަކާއި މަރުވެފައިވާ މީހުންގެ ބައިތަކާއި ހަށިތަކަށެވެ. ސަރުކާރުގެ މީޑިޔާއިންބުނީ މިއީ އިދިކޮޅު ފަރާތްތަކާ ގުޅިފައިވާ އަލްޤާޢިދާގެ ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެންދިން ޙަމަލާއެއް ކަމުގައެވެ.

26 މީހުން މަރުވެ 60 މީހަކު ޒަޚަމްވި މިޙަމަލާދިނީ ސޫރިޔާގެ ސަލާމަތީ ބާރުތަކުން ބޭނުންކުރާބަހަކަށް އަމާޒުކޮށްގެން ކަމަށާއި އަލްޤާޢިދާގެ "ފާހަގަ" މިބޮމުން ފެނިގެން ދިޔަކަމަށް ސޫރިޔާގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރުކާރުގެ ޓީވީ ބުނެއެވެ. މިޙަމަލާގައި މަރުވެ ޒަޚަމްވި މީހުންގެ ތެރޭގައި ޢާންމުންގެ އިތުރުން ސަލާމަތީ ބާރުތަކުގެ މީހުން ހިމެނޭކަމަށް ޚަބަރުލިބެއެވެ.

ނަމަވެސް ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކުން މިހަމަލާއާމެދު ބުނަނީ މުޅިން އެހެން އެއްޗެކެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ 62 މީހުން މަރާލި މިޙަމަލާއާއި އެނޫން ބޮމުގެ ޙަމަލާތަކުގެ ފަހަތުގައިވެސްވަނީ ސޫރިޔާ ސަރުކާރެވެ. މިޙަމަލާތަކުގެ ބޭނުމަކީ ބޭނުމަކީ ރައީސް ބައްޝާރުލްއަސަދްގެ ޚުދުމުޚްތާރު ވެރިކަން ވައްޓާލަންއުޅޭ މީހުންނަކީ އަލްޤާޢިދާއާ ގުޅިފައިވާ "ޓެރަރިސްޓުން" ކަން ދުނިޔެއަށް ހާމަކޮށްދިނުމެވެ. އަދި އިދިކޮޅު ފަރާތްތައް ސަރުކާރާ ދެކޮޅަށްކުރާ ސުލްޙަވެރި މުޒާހަރާތަކުގެ ޙަޤީޤަތް އޮޅުވާލުމާއި އިދިކޮޅު މީހުންނަކީ އިސްލާހަށް މަސައްކަތްކުރާ ސުލްޙަވެރި ބައެއްގެ ބަދަލުގައި އެމީހުންނަކީ ގޮތެއްފޮތެއް، ލަނޑުދަނޑިއެއްނެތް ޓެރަރިސްޓުން ކަމަށް ސިފަކުރުމެވެ.
އިދިކޮޅު ފަރާތްތަކަކީ ދީނީގޮތުން "ހައްދުފަހަނަޅާފައިވާ" މީހުން، ނޫނީ އެމީހުންނަކީ ބޭރުގެ އެޖެންޑާތަކަށް މަސައްކަތްކޮށްދޭ ޚާއިނުންކަމަށް ސިފަކުރުމަކީ ސޫރިޔާ ސަރުކާރު ފަދައިން ޢަރަބި ބައެއް ޤައުމުތަކާއި އެނޫން ޤައުމުތަކުގެ ކުރިޔާއި މިހާރުގެ ސަރުކާރުތަކުންވެސް ކުރަމުންގެންދާ ކަމެއްކަމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. މިގޮތުން މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ސަރުކާރުންވެސް އޭނާގެ ސަރުކާރާ ދެކޮޅަށް ނުކުތް އިދިކޮޅު ފަރާތްތަކަކީ ދީނީގޮތުން "ހައްދުފަހަނަޅާފައިވާ" ބައެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

ހަމައެގޮތަށް އަމިއްލަ ޤައުމުގެ މިނިވަން ކަމަށްޓަކައި ޖިހާދުކުރާ ފަލަސްތީނުގެ ފިދާއީންފަދަ މުޖާހިދުންނަކީ ޓެރަރިސްޓުންކަމަށް އިސްރާއީލުފަދަ މިހާރުގެ އިސްތިޢްމާރީ ޤައުމުތަކުންނާއި އިނގިރޭސިވިލާތްފަދަ ކުރީގެ އިސްތިޢްމާރީ ބާރުތަކުން ސިފަކޮށްފައިވާ މައްސަލަވެސް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.

"ޓައިމް" މަޖައްލާ ބުނާގޮތުން ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ޓީވީން ދެއްކި ހުކުރުދުވަހުގެ ބޮމާބެހޭ ވީޑިޔޯތަކުގައި މިއީ ރޭވުމެއްގެ ދަށުން ހިންގިކަމެއްކަން ފާހަގަކުރެވޭ އެތަށްކަމެއް ފެންނަން އެބަހުއްޓެވެ. މީގެތެރޭގައި، ބޮމުގެ އަމާޒުކަމަށް ސޫރިޔާ ސަރުކާރުންބުނި ސަލާމަތީ ބާރުތަކުގެ ވެހިކަލްގެ ގޮނޑިތައް ހަލާކުވެފައިނެތުމާއި އެގޮނޑިތަކުގައި ލޭގެ ކަންފުޅެއްވެސް ފެންނަންނެތުމާއި މަރުވެފައިވާ މީހުންގެ ހަށިތަކާއި އެމީހުންގެ ލެއިން އުފެދިފައިވާ ލޭގެ ކޯރެއްގެ ކައިރީގައި އެއްވެސް ގެއްލުމެއް ލިބިފައިނުވާ ތަރުކާރީ ކޮތަޅެއް ހުރިތަން ވީޑިޔޯއިން ފެނުނު މަންޒަރު ހިމެނޭކަމަށް "ޓައިމް" ބުނެއެވެ.

ސޫރިޔާ ސަރުކާރު ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތައް އިސްކޮށް ތިބެގެން ރައްޔިތުން ކުރަމުންގެންދާ މުޒާހަރާތަކަށް 10 މަސްވެ އެމުޒާހަރާތަކުގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން 3 ހާހަށްވުރެ ގިނަމީހުން އެމުއްދަތުގެ ތެރޭގައި މަރާލެވިފައިވާއިރު އެއީ ސުލްހަވެރި މުޒާހަރާތަކެއް ނޫންކަމަށް ސަރުކާރުން އަބަދުވެސް ބުނަމުން ގެންދެއެވެ.

ސޫރިޔާ ސަރުކާރުން އެންމެ ފުރަތަމަވެސް އިދިކޮޅު ފަރާތްތައް ސިފަކުރީ ހަތިޔާރުއެޅި ބައެއްގެ ގޮތުގައެވެ. ހަތިޔާރުން ޙަމަލާދީ ހަމަނުޖެހުން އުފައްދާ އަދި ބޭރުގެ ފަރާތްތަކާ ގުޅިފައިވާ ބައެއްގެ ގޮތުގައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މިކަން ދޮގުކުރެއެވެ. ސަރުކާރު ވައްޓާލުމަށް ހިންގާ ޢަމަލުތަކުގައި ހަތިޔާރުގައި އަތްލިބަޔަކުވެސް އެކަންކުރީ އެހެންގޮތެއްނެތިގެން ވަރަށްފަހުން ކަމަށާއި ހަތިޔާރުގައި އަތްލާފައިވާނަމަ އެކަންކުރީ ދާދިފަހުން ސޫރިޔާ ސިފައިންގެ ތެރެއިން ވަކިވެގަނެގެން އިދިކޮޅު ފަރާތްތަކާ ގުޅިފައިވާ މީހުން ކަމަށްވެސް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

އެމީހުންވެސް ހަތިޔާރުގެ ބޭނުންކުރަންފެށީ ސުލްހަވެރި މުޒާހަރާތަކާ ދެކޮޅަށް ސަރުކާރުން ބާރުގެ ބޭނުންކޮށް އެތަށް ހާސްބަޔަކު މަރާލިފަހުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އިދިކޮޅު ފަރާތްތަކުގެ ތެރޭގައި މިހާރު ހިމެނޭ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ "ސީރިޔަން ފްރީ އާރމީ" ގެ ކޮމާންޑަރު ކާރނަލް ރިޔާޒުލްއަސްޢަދް ދާދިފަހުންވަނީ ބާރުގެ ބޭނުންކޮށްގެން ސޫރިޔާ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ނުކުމެ ކިތަންމެވަރަކަށް ސުލްޙަވެރި މުޒާހަރާ ކުރިނަމަވެސް ބައްޝާރުގެ ވެރިކަން ވައްޓާނުލެވޭނެކަމަށާއި ބައްޝާރުގެ ވެރިކަން ވައްޓާލެވޭނީ ހަތިޔާރުގެ ބޭނުންކޮށްގެން ކަމުގައެވެ.

ކާރނަލް އަސްޢަދް ވިދާޅުވީ ރައީސް ބައްޝާރުގެ ވެރިކަން ވައްޓާލުމަށްޓަކައި ޢަސްކަރީ ވަރަށް ބޮޑު ރޭވުމެއް އެޖަމާއަތުން ރާވަމުންގެންދާ ކަމަށާއި މިރޭވުން ވަރަށް އަވަހަށް ތަންފީޒުކުރަން ފަށާނެ ކަމުގައެވެ. އޭނާގެ ކޮމާންޑްގެ ދަށުގައިވާ "ސީރިޔަން ފްރީ އާރމީ" ގައި ހަތިޔާރުއެޅިި 40 ހާސް މީހުން ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް ތައްޔާރަށް ތިބިކަމުގެ އިންޒާރުވެސް ދާދިފަހުން އަސްއަދު ދެއްވާފައިވެއެވެ.

ހުކުރުދުވަހުގެ ބޮމުގެ ޙަމަލާއަށްފަހު އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށްކުރި މުޒާހަރާތަކުގައިވެސް ސަރުކާރުގެ ސަލާމަތީ ފަރާތްތަކުން ބާރުގެ ބޭނުންކޮށްގެން 26 މީހަކު މަރާލާފައިވެއެވެ.