28 Jul 2020, 20:54
ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތު މިހާރު އޮތް ގޮތަށް ބަލައި، ހާލަތާ ގުޅޭގޮތަށް ޚިޔާލުފާޅު ކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 ފެތެރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މާލެ ސަރަހައްދުގައި ގިނަ މީހުން އެއްވެ ނޫޅުމަށް އަންގާފައި ކަމަށެވެ.
ނަމަވެސް އެޗްޕީއޭގެ އެންގުމާ ހިލާފަށް މަގުމައްޗަށް އެއްވެ އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއްނެތި ބައެއް މީހުން މާސްކު ވެސް ނާޅައި އެއްވުންތައް ކުރިއަށްގެންދާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެގޮތުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ މި ދުވަސްވަރު، ފުލުހުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުން ވެސް ޕޮޒިޓިވްވާ އަދަދު އިތުރުވަމުންދާ ކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
"މަގުމައްޗަށް ނުކުމެ އުޅުމުގައި ސިއްހީ ގޮތުން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް މި ސާވިސްއިން އިލްތިމާސްކޮށް ހަނަދުމަ ކޮށްދެމެވެ. އަދި ގާނޫނީ ތަރަހައިގެ ތެރެއިން މި ހާލަތާ އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން ހިޔާލުފާޅު ކުރެއްވުމަށް މިސާވިސްއިން އިލްތިމާސް ކުރަމެވެ،" ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.
އެއްވުންތައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ މީޑިއާތަކުން ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށާއި ހުރިހާ ފަަރާތްތަކުން ވެސް މާސްކު އެޅުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި އެއްވުންތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން، "ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު" އިން ބާރުލިބިގެން ހަދާފައިވާ "އެއްވުމާގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު" ގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކޮށްފައިވާ ފާސް އަބަދުވެސް ފެންނާނެ ގޮތަށް އަޅައިގެން ހުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެއްވުންތައް ކަވަރު ކުރުމުގައި ނޫސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް ވީހާވެސް ގާތުން އެއްވުންތައް ކަވަރު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެއްވުންތައް ހިނގަމުންދާ ސަރަހައްދު ތަކުގައި ފުލުހުންގެ މީޑިއާގެ އޮފިޝަލަކު ހަރަކާތްތެރިވަމުން ދާނެ ކަން އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެއްވުންތައް ބޭއްވުމާ ގުޅޭ ގޮތުން ފުލުހުން މިރޭ ބަޔާނެއް ނެރެފައިވާއިރު، ގިނަ ދުވަސްތަކެއް ފަހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ވަނީ މާލޭގެ މަޖިދީ މަގާއި ޗާންދަނީ މަގު ގުޅުނު ސަރަހައްދަށް އެއްވެ ޝުއޫރު ފާޅުކޮށްފަ އެވެ.