28 Jul 2020, 20:49
ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާ އިތުރަށް ކޮންޓްރޯލް ކުރުމަށް އަޅަން ހުށަހަޅާފައި ހުރި ފިޔަވަޅުތަކާ މެދު ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ކޯޑިނޭޝަން ކޮމެޓީގައި މަޝްވަރާކޮށްފި އެވެ.
ހެލްތް މިނިސްޓްރީ މިއަދު ބުނީ، އެޗްއީއޯސީގެ ކޯޑިނޭޝަން ކޮމެޓީ ބައްދަލުވުމުގައި މިއަދު މަޝްވަރާ ކޮށްފައިވަނީ، ކޮވިޑް-19 ކޮންޓްރޯލު ކުރަން އަޅަން ހުށަހަޅާފައި ހުރި އިތުރު ފިޔަވަޅުތަކާ މެދު ކަމަށެވެ.
ކޮވިޑް-19 ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅު އެޅުމަށް އެޗްއީއޯސީގައި މަޝްވަރާ ކޮށްފައިވާއިރު، ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލޭގެ ފުރަބަންދަށް ލުއި ދިން ފަހުން އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
މީގެ ކުރިން ރާއްޖެ އިން އެ ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބަންގަލަދޭޝް މީހުނެވެ. ނަމަވެސް، އިއްޔެ ޕޮޒިޓިވްވި މީހުންނާ އެކު ޖުމްލަ އެ ބަލި ޖެހުނު ބަންގަލަދޭޝް މީހުނަށްވުރެން ދިވެހީންގެ އަދަދު ވަނީ މަތިވެފަ އެވެ.
އެގޮތުން ޖުމްލަ 3،369 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 1531 މީހުންނަކީ ދިވެހީންނެވެ. ބަންގަލަދޭޝް ރައްޔިތުންގެ ތެރެއިން ބަލި ޖެހުނު މީހުންގެ އަދަދަކީ 1472 އެވެ. 2،547 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލީގައި ރާއްޖެ އިން 15 މީހަކު ވަނީ މަރުވެފަ އެވެ.