08 Jan 2012, 00:19
ނިމިދިޔަ ހުރިހާ ބައި އިލެކްޝަންތަކުން ވެސް އެމްޑީޕީ ކުރިއަރަމުން އަންނަކަން އެނގިގެން ހިނގައްޖެ ކަމަށާއި އެމްޑީޕީ މިހާރު މިއޮތީ ޑިމޮކްރެސީގައި ވަރަށް ތަނަވަސް އަގުލަބިއްޔަތަކާއި އެކުގައި ކަމަށް ރައީސްލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ މައި ހަރުގޭގައި މިރޭ ހަމައެކަނި ރައީސް ވާހަކަފުޅު ދެއްކެވި ޖަލްސާއެއްގަ އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ބޭއްވި ފުރަތަމަ އިންތިޚާބަށް ފަހު ވަރަށް ގިނަ ބައި އިލެކްޝަންތައް ބޭއްވިފައިވާ ކަމަށާއި އަދިވެސް ގިނަ ބައި އިލެކްޝަން އަންނާ ކަމަށެވެ. ވިދާޅުވީ ބާއްވަމުން އަންނަ ބައި އިލެކްޝަންސް ތަކުން ސަރުކާރުން ކަންތައް ކުރާގޮތާއި ކަންތައް ތަންފީޒުކުރަމުންދާ ގޮތް ސާފުވެގެން އަންނަ ކަމަށެވެ.
"އިންތިޚާބަކަށް ފަހު އެމްޑީޕީ އަންނަނީ ކުރި އަރަމުން ކަން ނިމިދިޔަ ހުރިހާ ބައި އިލެކްޝަންތަކުން އެނގިގެން ހިނގައްޖެ. އެމްޑީޕީ މިހާރު މިއޮތީ ޑިމޮކްރެސީގައި ވަރަށް ތަނަވަސް އަގުލަބިއްޔަތަކާއި އެކުގައި،" ރައީސް ވިދާޅުވި އެވެ.
މިދިޔަ ހުރިހާ ބައި އިލެކްޝަންތައް ނިމުނު އިރު އެމްޑީޕީއަށް 55 ޕަސެންޓަށްވުރެ މަތިން ވޯޓު ލިބިގެންދިޔަ ކަމަށާއި އެއީ އެމްޑީޕީއާ ސަރުކާރު އަދި ސަރުކާރުގެ ސިޔާސަތުތަކަށް ލިބިގެން ދިޔަ ތާއީދެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިއަދު ބޭއްވި ހއ. ފިއްލަދޫގެ ބައި އިލެކްޝަންސް ވެސް ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީއެވެ. އޭގެ ކުރިން ބޭއްވި ދެ ބައި އިލެކްޝަން ވެސް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި ހަބަރު ފަތުރާ ވަސީލަތްތަކުގެ މައްޗަށް ވެސް އަލި އަޅުވައިލެއްވެވި އެވެ. ވިދާޅުވީ މިދިޔަ ހަފުތާގައި އެ މަނިކުފާނު ފިއްލަދޫއަށް ވަޑައިގަތުމުން ހަތަރު ކުއްޖަކު މެގަފޯނުން މުއާމަލާތް ކުރި ކަމަށާއި މީޑީއާގެ ފަލަ ސުރުޚީތަކުން އެ ހަބަރު ފެނުނު ކަމަށެވެ. އަދި ވިދާޅުވީ އެހެން ވިޔަސް ރައްޔިތުންގެ ނިންމުން ނިންމާފައިވަނީ ޚަބަރުތަކުގެ ސުރުޚީގެ މައްޗައް ނޫންކަމަށެވެ.
"ފިއްލަދޫ ދަތުރާއި ގުޅިގެން ނޫސްތަކުގެ ސުރުޚީއަށް އަރާފައި ހުރީ ފިއްލަދޫ ކޮންމެވެސް ދެތިން ހަތަރު ކުއްޖެއް ވަރަށް ބާރަށް މެގަފޯނަކުން އަޅުގަނޑުމެންނަށް މުއާމަލާތް ކުރަމުންދިޔަ ޚަބަރެއް... މެގަފޯން ނުފެންނަތާ ގިނަ ދުވަސް ވެފަ ހުރީމަ އަޅުގަނޑަށްވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު. އެހެންނަމަވެސް ޚަބަރެއްގެ ގޮތުގައި ނޫސްތަކަށް މީޑިއާއަށް ފާހަގަވީ މިދެންނެވި ޚަބަރު. ޚަބަރު ހަދާ ފަރާތަކުން ނޫން ކަންކަން ނިންމަނީ. އަދި ރާއްޖޭގެ ރައްޔިތުން ދެކޭގޮތަކީ ޚަބަރު ސުރުޚީ ލިޔާގޮތެއް ނޫން. ރައްޔިތުންގެ ނިންމުން ނިންމާފަ އޮންނަނީ ޚަބަރު ސުރުޚީގެ މައްޗަކަށް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދެ ޓީވީ ޗެނަލް އާއި ދެތިން ނޫހެއް މެދު ނުކެނޑި ސަރުކާރަށް ފާޑު ކިޔަމުން ގެންދާ ކަމަށާއި ބައެއް ފަހަރަށް ހަމައި ނެއްޓިފައި ހުންނަ ފާޑުވެސް ކިޔާ ކަމަށެވެ. ވިދާޅުވީ މީޑިއާއިން ފޮނުވާ މެސެޖު ވަކި މިންވަރަކަށް ރައްޔިތުންނާއި ހަމަޔަށް ފޯރުމުން އެއް ކަންފަތުން ވަދެ އަނެއް ކަންފަތުން ނުކުންނާނެ ކަމަށެވެ. ލޮލަށް ފެންނަ ކަންކަމާއި އިވޭ އަޑާއި ދިމާނުވުމުން ފެންނަ މަންޒަރާއި އިވޭ އަޑުގައި ގުޅުމެއް ނެތްކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.