28 Jul 2020, 17:58
ބާޒާރު މަތި ފިޔަވައި މާލޭގެ އެހެން ސަރަަހައްދުތަކުގައި މާރުކޭޓު ހިންގުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދީފައިނުވާނެ ކަމަށާއި އެތަންތަން ހުއްޓުވުމުގެ ބާރު ފުލުހުންނާއި އެޗްޕީއޭ އަށް އޮންނާނެ ކަމަށް މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޓީ ކައުންސިލުން ހުއްދަ ދީގެން މާލޭގައި ހިންގަނީ، ބާޒަރުމަތީގައި ހުންނަ ލޯކަލް މާރުކޭޓާއި މަސްމާރުކޭޓުގެ އިތުރުން ދަތުރުވެރިންގެ މާރުކޭޓު ކަމަށެވެ.
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ތަރައްގީ ކުރުމަށްފަހު، އެތަންތަން ދިވެހިންނަށް ހިންގުމަށް މިހާރު ފުރުސަތު ދީފައިވާ ކަން ޝިފާ ފާހަގަކުރެއްވި އެވެ.
"މުޅި މާލޭގައި މާރުކޭޓު ހިންގަނީ ކައުންސިލް އިން ހުއްދަ ނަގައިގެނެއް ނޫން. އެތަންތަން ހުއްޓުވުމުގެ ބާރު ފުލުހުނަށާއި އެޗްޕީއޭއަށް އޮންނާނެ،" ޝިފާ ވިދާޅުވި އެވެ.
ޝިފާ އެހެން ވިދާޅުވެފައި އެވަނީ، މާލޭގެ އެކި ސަރަހައްދުތަކުގައި އަމިއްލަ ފަރާތްތަކުން ކުދި މާރުކޭޓުތައް ހަދައިގެން ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ވިއްކުމުގެ ސަބަބުން ބާޒާރު މަތީގައި، ސަރުކާރުން ތަރައްގީ ކޮށްފައިވާ ދެ މާރުކޭޓުގެ ޑިމާންޑް ދަށްވުމުގެ ޝަކުވާ އެތަންތަން ކުއްޔަށް ނަގައިގެން ތިބި ފަރާތްތަކުން ކުރަމުންދަނިކޮށެވެ.
އެހެން ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކުން ތާޒާ މޭވާއާ ތަރުކާރީ ފަސޭހަ ކަމާއެކު ލިބެން ހުރުމުން އާންމު ރައްޔިތުންނަށް އެތައް ލުއި ފަސޭހަތަކެއް ވަނީ ލިބިފަ އެވެ.