07 Jan 2012, 21:40
ކްލަބްމެޑް ކަނިފިނޮޅުން މިއަދު ހަވީރު މޫދަށް އެރި އުޅެނިކޮށް ޓޫރިސްޓަކު ގެއްލިއްޖެ އެވެ.
ކްލަބްމެޑްގެ ޖެނެރަލް އެފެއާސް މެނޭޖަރު އަބުދުއް ސަމަދު އިބްރާހިމް މިރޭ ވިދާޅުވީ އުމުރުން 50 އަހަރުގެ ފްރާންސްގެ ފިރިހެން މީހާ ހަވީރު 4:45 އެހާކަންހާއިރު މޫދަށް އެރުނީ އެހެން މީހަކާއެކު ކަމަށާއި، އޭގެ އިރުކޮޅެއް ފަހުން އެމީހާ ނުފެނިގެން ރިޕޯޓްކުރުމާއެކު ހޯދުމުގެ މަސައްކަތް ފެށީ ކަމަށެވެ.
"އޭނާ ގެއްލުނު ވާހަކަ ބުނުމާއެކު މިރަށުގެ ލޯންޗްފަހަރާއި ޑައިވަރުން ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ފުލުހުންގެ އިތުރުން ލޮހިފުއްޓާއި ހުރާގެ ލޯންޗުފަހަރުން ވެސް އޭނާ ހޯދުމުގެ މަސައްކަތް އެބަކުރޭ،"
ސަމަދު ވިދާޅުވީ ގެއްލުނު މީހާ މޫދަށް އެރި އުޅުނީ އެ ރަށުގެ އިރުއުތުރު ކޮޅަށް ކަމަށެވެ. އަދި އޭނާ މޫދަށް އެރުނު އިރު ދިޔަވަރުވެ އޮތީ ހިކިފައި ކަމަށް ވެސް ވިދާޅުވި އެވެ.
ފުލުހުން ގެ އޮފިޝަލަކު ވިދާޅުވީ ކްލަބުމެޑުން ޓޫރިސްޓަކު ގެއްލިގެން ހޯދަމުންދާކަމުގެ މައުލޫމާތު މިއަދު 5:45 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި ފުލުހުން ވެސް އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.