28 Jul 2020, 11:56
ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާތަކުގެ ތެރޭގައި ހިމެނޭ ހދ. ނޭކުރެންދޫގެ ކަނޑޫފަލުން ބޮޑު ބައެއް މަރުވަމުންދާތީ އެތަން ސަލާމަތްކުރުމަށް މަސައްކަތްކުރާނެ ކަމަށް ސޭވް މޯލްޑިވްސް އިން ބުނެ ފިއެވެ.
މި އަހަރުގެ މާޗް މަހުގެ ކުރީކޮޅުން ފަށައިގެން ނޭކުރެންދޫގެ ކަނޑޫފަލުން ބޮޑު ސަރަހައްދުތަކެއްގެ ގަސްތައް ހިކި، ފަތް ފައިބައި މަރުވަމުން އެބަދެ އެވެ. ސަރުކާރުން 2018 ވަނަ އަހަރުގެ ފަހުކޮޅު ހިމާޔަތްކޮށްފައިވާ އެ ކަނޑޫފާ މަރުވަމުންދާތީ އެ ރަށު ކައުންސިލުން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ނޭކުރެންދޫ ކައުންސިލާ ގުޅުގެން ސޭވް މޯލްޑިވްސް އިން އެރަށުގެ ކަނޑޫފާ ސަލާމަތްކޮށް ކުރީގެ ހާލަތަށް ގެންދިޔުމަށް މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ސޭވް މޯލްޑިވްސް އިން ވަނީ ނޭކުރެންދޫގެ ކަނޑޫފަލުން ބޮޑު ބައެއް މަރުވާތީ އެކަން ދިމާވާ ސަބަބު ހޯދުމަށް ދިރާސާއެއް ހަދާފައެވެ. އެގޮތުން މިދިޔަ މަހުގެ 25 އަދި 26 ގައި ވަނީ ހާއްސަ ފީލްޑް ސާވޭއެއް ހަދާފަ އެވެ.
އެ ހަރަކާތުގެ މައިގަނޑު މަގްސަދު ތަކަކީ ނޭކުރެންދޫ ފަލުގެ ކަނޑޫގަސްތައް ގޮތްނޭނގޭ ގޮތަކަށް މަރުވަމުންދާ ސަބަބުތައް ހޯދާ ދެނެގަތުމަށާއި އެ މުހިއްމު ވަސީލަތް ހިމާޔަތްކުރުމާއިބެހޭ ގޮތުން ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކާއި މަދަނީ ފަރާތްތަކާއި ދައުލަތުގެ މުއައްސަސާ ތަކުގެ އެކި ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކުރުން ކަމަށް ސޭވް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.
ހަރަކާތުގެ ތެރެއިން ކުރެވޭ ސާވޭގެ ހޯދުންތައް ރިޕޯޓެއްގެ ސިފައިގައި ތައްޔާރުކޮށް ކަނޑޫފާ ހިމާޔަތްކުރުމަށް އެހީތެރިވެ ދިނުމަށްޓަކައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާނެ އެވެ.
ސޭވް މޯލްޑިވްސް އިން އެ މަސައްކަތް ފެށި ފަހުން އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް ވަނީ އެ ސަރަހައްދަށް ގޮސް ކަނޑޫފާ ބަލާފަ އެވެ. އަދި އެކަމާ ގުޅޭ ހާއްސަ ދިރާސާއެއް ކުރަން ވަނީ ފަށާފަ އެވެ.