ހއ. ކެލާއިން މެދު އުމުރުގެ ދިވެހި ފިރިހެނަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކެލާ ކައުންސިލްގެ ނައިބު ރައީސް އާމިނަތު އިސްމާއީލް "ސަން" އަށް ވިދާޅުވީ އެމީހާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ބައްޔަށް ޕޮޒިޓިވްވެފައި ވަނީ، އެރަށާ މާލެއާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއްގައި މަސައްކަތް ކުރާ މީހެކެވެ. މިދިޔަ ހަފްތާގައި މާލެ ދަތުރެއް ނިންމާލުމަށްފަހު، އެމީހާ އައިސް ހުރީ ބޯޓުގައި ކަމަށް އާމިނަތު ވިދާޅުވި އެވެ.

ބޯޓުގައި ހުއްޓާ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން، ކުރި ފުރަތަމަ ޓެސްޓު ނެގެޓިވްވި ނަމަވެސް، ދެވަނައަށް ކުރި ޓެސްޓު ޕޮޒިޓިވްވެފައިވާ ކަމަށް އާމިނަތު ވިދާޅުވި އެވެ.

ޕޮޒިޓިވްވީ މީހާއާއެކު އެ ބޯޓްގައި ގާތްގަނޑަކަށް ހަތް މީހުން މަސައްކަތް ކުރާ ކަމަށާއި، މިހާރު އެންމެން ވެސް އެކަހެރި ކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

"ޕޮޒިޓިވްވި މީހާވެސް މިހާރު ހުރީ ކަރަންޓީނު ކޮށްފައި. އަޅުގަނޑުމެން އަމަލުކުރަމުން މި ދަނީ އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް،" އާމިނަތު ވިދާޅުވި އެވެ

އާމިނަތު ވިދާޅުވީ ޕޮޒިޓިވްވީ މީހާ މާގިނަ މީހުންނާ ކޮންޓެކްޓު ވެފައި ނުވާ ކަމަށާއި އެހެން ނަމަވެސް ކޮންމެސް ވަރަކަށް ކޮންޓެކްޓުން އުޅޭ ކަމަށެވެ.

މީގެ ކުރިން ވެސް އެހެން ބައެއް ރަށްތަކުން މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ގިނައީ މާލެއިން ރަށަށް ގޮސް ގޭގައި ކަރަންޓީނުގައި ތިބި މީހުންނެވެ.

މިހާތަނަށް ރާއްޖެއިން 3،369 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، 2،547 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލީގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފަ އެވެ.