28 Jul 2020, 10:19
ބައިރޫތު (ޖުލައި 28) : ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް ލުބްނާނުގެ ޝިބްޢާ ސަރަހައްދު ހުރަސްކޮށް ސިއްރިޔާތުގައި އިސްރާއީލަށް ވަދެ ޙަމަލާދޭން މަސައްކަތްކުރި ކަމަށް ބުނެ އިސްރާއީލުން ފެތުރި ޚަބަރުތަކެއް އެޖަމާއަތުން ދޮގުކޮށްފި އެވެ.
ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލުން ފަތުރާފައި ވަނީ ދޮގު ޚަބަރުތަކެއް ކަމަށާއި އެޖަމާއަތުގެ އެއްވެސް ހަނގުރާމަވެރިއަކު ޝިބްޢާ ސަރަހައްދު ހުރަސްކޮށް އިސްރާއީލަށް ވަދެފައިނުވާ ކަމުގަ އެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު އިސްރާއީލު ގެ އަސްކަރީ މަތިންދާބޯޓުތަކުން ސޫރިޔާއަށް ދިން ވައިގެ ޙަމަލާތަކުގައި ޝަހީދުކޮށްލި އެޖަމާއަތުގެ ހަނގުރާމަވެރިޔާގެ މަރުގެ ބަދަލު އިސްރާއީލާ ދެކޮޅަށް ހިފާނެކަމާއި އެއީ އަމިއްލަ ނަފްސު ދިފާއު ކުރުންކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
ބަދަލުހިފުމަށްޓަކައި އިސްރާއީލުގެ ކޮންމެ ތަނަކަށްވެސް ހަލާދީފާނެކަމާއި ހިޒްބުﷲގެ ރޮކެޓާއި މިސައިލް ނުފޯރާނެ އެއްވެސް ސަރަހައްދެއް އިސްރާއީލުގައި ނޯންނާނެކަން އިސްރާއީލު ދަންނަންޖެހޭނެ ކަމަށް ވެސް ހިޒްބުﷲގެ ބަޔާން ބުނެ އެވެ.
އިސްރާއީލުގެ މީޑިއާއިންވަނީ އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ލުބްނާނުގެ ދަނޑުވެރި ބިމެއްކަމަށްވާ ޝިބްޢާ ގެ ބިންތައް ހުރަސްކޮށް ހިޒްބުﷲގެ ދެތިން ހަނގުރާމަވެރިއަކު އިސްރާއީލުގެ ސަރަހައްދަށް އިއްޔެ ވަންކަމަށާ އެމީހުން ފައްސާލުމަށް ދިން ޙަމަލާތަކުގައި ހިޒްބުﷲގެ ބައެއް ހަނގުރާމަވެރިން މަރުވެ އިތުރުބަޔަކު ޒަޚަމްވި ކަމަށް ބުނެ އިސްރާއީލުގެ ސިފައިންނާ ހަވާލާދީ ޚަބަރުތަކެއް ފަތުރާފަ އެވެ.
މި ޚަބަރުތަކަށް ފަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހިޒްބުﷲ އިން އަލިފާނާ ކުޅެމުންދާކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ. އަދި އިސްރާއީލުގެ ދިފާއީ ވަޒީރު ބެނީ ގަންޓްޒްވަނީ ލުބްނާނާއި އިސްރާއީލުގެ މަސްރަހު ހޫނުކުރުމުގެ ޒިންމާ އުފުލަންޖެހޭނީ ހިޒްބުﷲ ކަމަށާ އިސްރާއީލުގެ ރައްދު ހަރުކަށިވާނެކަމަށް ބުނެ ޓްވީޓެއް ކުރައްވާފަ އެވެ.
އިސްރާއީލުން ސޫރިޔާގެ ވައިގެ ސަރަހައްދުގެ ހުރުމަތް ކެނޑުމަށް ފަހު ސޫރިޔާގެ އެކި ސަރަހައްދުތަކަށް ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އުދުވާނީ ޙަމަލާތައް ދެމުން ގެންދާއިރު އެކަމުގެ ސަބަބުން މަސްރަހު ހޫނުވާނެކަމާއި އެކަމަށް ބަދަލުހިފުމުގެ ގޮތުން އިސްރާއީލަށް ރައްދު ޙަމަލާދިނުމުގެ ހައްގު އެހަމަލާތަކުގެ ޝިކާރައަކަށްވާ ސޫރިޔާއަށާއި ހިޒްބުﷲ އަށް އޮންނާނެކަމަށް އިސްރާއީލު ގަބޫލެއް ނުކުރެ އެވެ.
ހިޒްބުﷲގެ ބަޔާނުގައި މަސްރަހު ހޫނުވިޔަސް އިސްރާއީލުން ސޫރިޔާއަށް ދިން ހަމަލާގައި ޝަހީދުވި އެޖަމާއަތުގެ ހަނގުރާމަވެރިޔާގެ މަރުގެ ބަދަލު ވޭންދެނިވި ގޮތެއްގައި ހިފާނެކަމުގެ އިންޒާރު އިސްރާއީލަށް ވަނީ ދީފައެވެ. ބަދަލުހިފުމުގެ ގޮތުން އިސްރާއީލުގެ ކޮންމެތަނަކަށްވެސް ޙަމަލާދިނުމުގެ ހައްގާއި ބާރު ހިޒްބުﷲ އަށް ލިބިގެންވާކަންވެސް ހިޒްބުﷲ އިން ބުނެފައިވެ އެވެ.
އިސްރާއީލުން މާޒީގައި ދެ ފަހަހަރެއްގެ މަތިން ހިޒްބުﷲ އާ ދެކޮޅަށް ކުރި ހަނގުރާމަވެސް ހުއްޓާލަންޖެހިފައި ވަނީ އެއްވެސް ކާމިޔާބީއެއް ނުލިބިއެވެ. ހިޒްބުﷲ ނައްތާލާފައި ނޫނީ ހަނގުރާމަ ނުހުއްޓާނެ ކަމަށްބުނި އެ ހަނގުރާމަތައް ހުއްޓާލަން އިސްރާއީލަށް ޖެހިފައިވަނީ ހިޒްބުﷲ އިން އިސްރާއީލަށް ރައްދު ދިނުމުގެ ގޮތުން ފޮނުވާ މިސައިލްތަކާއި ރޮކެޓްތައް އިސްރާއީލުގެ އެތަށް މިތަނަށް އަރައި މީހުން މަރުވެ ތަކެއްޗަށް ގެއްލުން ލިބޭއިރު އެ ހަމަލާތައް ނުހުއްޓުވޭތީއެވެ.
ހިޒްބުﷲ ގެ އަތުގައި އިސްރާއީލުގެ ކޮންމެތަނަކަށް ވެސް ޙަމަލާ ދެވޭވަރުގެ އެތަށް ހާސް ރޮކެޓާއި މިސައިލް ހުރިކަމަށް އިސްރާއީލު އަމިއްލައަށް އެއްބަސްވެ އެވެ. އެތަކެތި ފޯރުކޮށްދެނީ އީރާނުންކަމާއި ޚުދު ހިޒްބުﷲ އަކީ ވެސް މިސައިލް އުފެއްދުމުގެ ޓެކްނޮލޮޖީ އީރާނުގެ ފަރާތުން ހޯދާފައިވާ ޖަމާއަތެއްކަމަށް އިސްރާއީލުން ބުނެއެވެ.
ލުބްނާނުގެ ހިޒްބުﷲ އާއި ފަލަސްތީނުގެ ޙަމާސް ޖަމާއަތާ ކުރިމަތިލައިގެން އެންމެ ފަހަރަކު ވެސް އިސްރާއީލަށް ކާމިޔާބު ލިބިފައިނުވާއިރު އިސްރާއީލުން ކުރާކަމަކީ އެމެރިކާ އިސްރާއީލަށް ދީފައިވާ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ލުބްނާނާއި ޣައްޒާގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ޙަމަލާދީ އެތަންތަން ސުންނާފަތި ކުރުމެވެ. އެއްގަމު މަގުން ހަނގުރާމަކޮށް ހިޒްބުﷲ އާވެސް އަދި ޙަމާސްގެ ހަނގުރާމަވެރިންނާ ވެސް ކުރިމަތިލާން އެއްގޮތަކަށްވެސް އިސްރާއީލަށް ކެރިފައެއް ނުވެއެވެ.
މިދިޔައަހަރު އިސްރާއީލުން ހިންގި އުދުވާނަކާ ގުޅިގެން ހިޒްބުﷲ އިން އިސްރާއީލަށް ފޮނުވާލި މިސައިލްތަކުގެ ތެރެއިން މިސައިލެއް އިސްރާއީލުގެ އެންމެ ބޮޑު ނިއުކްލިޔާ ރިއެކްޓަރު ކަމަށްވާ ދައިމޫނާ ނިއުކްލިޔާ ރިއެކްޓަރާ ކައިރީ ހިސާބަކަށް ވެއްޓުމާ ގުޅިގެން އިސްރާއީލުވަނީ ސަހަރޯ ހީވެ ޙަމަލާތައް ހުއްޓާލާފައެވެ.
އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ ދެ ޖަމާއަތް ކަމަށްވާ ހިޒްބުﷲ އާއި ޙަމާސް ގެ ރޮކެޓްތައް މަތަކުރުމަށް އެމެރިކާއާ ގުޅިގެން އިސްރާއީލު ބިނާކުރި މިސައިލް އައްޑަނައިގެ ނިޒާމުކަމަށްވާ "އަޔަންޑޯމް" ނިޒާމުން ވައްޓާލެވެނީ ވަރަށް މަދު ރޮކެޓެއްކަމާއި ގިނަ ރޮކެޓްތަކަށް ހުރަސްއެޅުމުގައި އެނިޒާމު ފޭލްވެފައިވާކަން އިސްރާއީލާއި އެދެ ޖަމާއަތާ ދެމެދު މިހާތަނަށް ހިނގާފައިވާ ކުރިމަތިލުންތަކުންވަނީ ހާމަވެފައެވެ. އަޔަން ޑޯމް އިން ރެކޭވޭ ގޮތަށް މިސައިލް އުފެއްދުމުގެ ޓެކްނޮލޮޖީ ހޯދާފައިވާކަމަށް ޙަމާސް އާއި ހިޒްބުﷲގެ އިންޖިނޭރުން ބުނެއެވެ.
ނަވާރަސަތޭކަ އަށްޑިހަ ދެ ވަނަ އަހަރުގައި އިސްރާއީލުން ދެކުނު ލުބްނާނުގެ ބޮޑު ސަރަހައްދެއް ހިފާފައި އޮތްވާ ބާރުގެ ބޭނުންކޮށްގެން އެސަރަހައްދު އިސްރާއީލު ސިފައިން ބޭރުކޮށް ފައްސާލީ ހިޒްބުﷲގެ ހަނގުރާމަވެރިންނެވެ. މިހާރު އިސްރާއީލުން ހިފާފައިވަނީ ދެކުނު ލުބްނާނުގެ ކުޑަބިމެއްކަމަށްވާ ޝިބްޢާ އެވެ. އިސްރާއީލު ބުނަނީ އެއީ ލުުބްނާނުގެ ސަރަހައްދެއް ނޫންކަމަށާ އެއީ ސޫރިޔާގެ ސަރަހައްދެއް ކަމުގައެވެ.
(އަލްޖަޒީރާ + ނޫސްއެޖެންސީތައް)