28 Jul 2020, 08:20
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނެޝެނަލް ސެކިއުރިޓީ އެޑްވައިޒަރު ރޮބާޓް އޯ ބްރަޔަން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އޭނާ ޕޮޒިޓިވްވުމުން މިހާރު ހުންނެވީ އަމިއްލަ އެކެހެރިވެގެން ގޭގަ އެވެ.
ވައިޓް ހައުސްއިން ބުނީ ރޮބާޓުގެ ކިބައިން ކޮވިޑްގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮަށް ކަމަށާއި އޭނާގެ ފަރާތުން ނާއިބު ރައީސް މައިކް ޕެންސް އަދި ޓްރަމްޕްއަށް ކޮރޯނާ ޖެހުމުގެ ފުރުސަތު ކުޑަ ކަމަށެެވެ.
ރޮބާޓްއަކީ ޓްރަމަޕްގެ އަރިހުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް ކޮވިޑް ޖެހުނު އެންމެ އިސްބޭފުޅާ ވެސް މެ އެވެ.
ރޮބާޓްވަނީ ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ސަރުކާރުތަކުގައި ވެސް އެކި އެކި ޑިޕްލޮމެޓިކް މަގާމުތައް ފުރުއްވަވައިފަ އެެވެ. އޭނާ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަަށް އައްޔަނުކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޖޯން ބޯލްޓަން މިދިޔަ ސެޕްޓެމްބަރު މަހު ވަކި ކުުރުމުންނެެވެ.
ވައިޓް ހައުސްއިން ބުނީ ރޮބާޓްއާއި ޓްރަމަޕް ބައްދަލު ނުވާތާ މިހާރު ދެ ހަފްތާ ވަރުވެދާނެ ކަމަށެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ ބްލޫމްބާގްއިން ބުނީ ރޮބާޓްއަށް ކޮރޯނާ ވައިރަސް ޖެހުނީ އާއިލީ އިވެންޓެއްގެ ތެރެއިން ކަމަށެެވެ.
މީގެ ކުރިން ޓްރަމްޕް އެޑްމިނިސްޓްރޭޝަންގައި މަސައްކަތް ކުރައްވާ އިތުރު ބޭފުޅުންނަށްވެސް ކޮވިޑް ޖެހިފައިވެ އެވެ. އޭގެ ތެރޭގައި ނާއިބު ރައީސް މައިކް ޕެންސްގެ ޕްރެސް ސެކެރެޓަރީ ކެޓީ މިލާ ހިމެނިވަޑައިގަންނަވަ އެވެ.
ވައިޓް ހައުސްއިން ބުނީ ޓްރަމްޕްގެ އަރިހުގައި އުޅުއްވާ ބޭފުޅުން ކޮންމެ ދުވަހަކުވެސް ޓެސްޓްކުރާ ކަމަށެވެެ. -- ބީބީސީ