ބ. އަތޮޅުގެ ހަދަމުންދާ ރިސޯޓެއް ކަމަށްވާ ސީސައިޑް ފިނޮޅުގައި މަސައްކަތް ކުރަން އުޅުނު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީސީއޯ)ގެ އޮފިޝަލަކު ސަން އަށް މިރޭ ވިދާޅުވީ އެ ރަށުގައި މަސައްކަތް ކުރި މީހަކު މާލެ އައި ޓެސްޓު ކުރުމުން ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެއާއެކު އެ ރަށަށް ގޮސް ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށާއި އޭގެތެރެއިން ރަށުން ޕޮޒިޓިވް އިތުރުން ތިން މީހުން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތަކަށް ގެންގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށުގެ މަރާމާތު ތައް ކުރަމުންދާއިރު އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ކުރީން ބުނެފައިވަނީ މި އަންނަ އޮކްޓޯބަރު މަހުގެތެރޭގައެވެ.

ރާއްޖެއިން މިހާތަނަށް 3،302 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ދިވެހީންނެވެ. ރާއްޖެއިން ޕޮޒިޓިވްވި ދިވެހީން ގިނަ ވެފައިވަނީ މާލޭގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދޭން ފެށުމާއެކުގައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް 15 މީހަކު ވަނީ މަރުވެފައެވެ.