07 Jan 2012, 19:43
ކަނޑުފޭރޭ މީހުންގެ އުނދަގުލާހެދި މާލޭގެ ބަނދަރުގައި ނުފުރިފައި އޮތް އެމެރިކާގެ ފަސިންޖަރު ލައިނެއްގައި ތިބި ހުރިހާ ދަތުރުވެރިން ވައިގެ މަގުން ސީސެލްސައަށް ފުރުވައިލައިފި އެވެ.
ރާއްޖެ އަންނަ ބޭރުގެ ފަސިންޖަރު ލައިންތަކުގެ ކަންތައްތައް ބަލަހައްޓަމުން އަންނަ މޯލްޑިވްސް އެސޯޝިއޭޝަން އޮފް ޔޮޓް އެޖެންސް (މާޔާ) ގެ ސެކްރެޓްރީ ޖެނެރަލް މުހައްމަދު އަލީ މިއަދު ވިދާޅުވީ މީދިޔަ ޑިސެމްބަރު 29، ގައި ރާއްޖެ އައިސްފައިވާ އެ ފަސިންޖަރު ލައިންގައި ތިބި ހުރިހާ ދަތުރުވެރިން ވައިގެ މަގުން މި މަހުގެ ދެ ވަނަ ދުވަހު ފުރުވާލާފައިވާ ކަމަށެވެ.
ފަސްދޮޅަށް ހަތް ދަތުރުވެރިއަކު ފުރުވާލާފައިވަނީ އެމިރޭޓްސް އާއި ގަތަރު އެއާލައިންސް އިންނެވެ.
އޭނާ ވިދާޅުވީ އެ މީހުން ވައިގެ މަގުން ފޮނުވާލަން ޖެހުނީ ކަނޑުގެ މަގުން ދަތުރުކުރުމުގައި ފަސިންޖަރުލައިނަށް ނުވަތަ މީހުންނަށް ދިމާވެދާނެ ނުރައްކަލަކަށް ބަލާފައި ކަމަށެވެ.
"މިދުވަސްވަރަކީ ކަނޑުފޭރޭ މީހުންގެ އުނދަގޫ ވަރަށް ބޮޑު ދުވަސްކޮޅެއް، އަނެއްކޮޅުން ކަނޑުފޭރޭ މީހުން ތިބީ ކޮންތަނެއްގައި ބޭސްވެފައި ކަމެއް އިނގޭކަށް ވެސް ނޯވެ. އެހެންވެ ސެކިއުރިޓީ ހުއްދައެއް ނުދޭ ފުރާކަށް، ބޯޓް ދެން ދާން އޮތް މަންޒިލަކީ ސީސެލްސް،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އައިސްފައި އޮންނަތާ މިހާރު ހަތުފާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ މި ފަސިންޖަރު ލައިން ރާއްޖެ ވަންނަން ދައްކަންޖެހޭ ފީގެ އިތުރުން ރާއްޖޭގައި އޮންނަ ކޮންމެ ދުވަހަކަށް ވެސް ސަރުކާރަށް ފީއެއް ދައްކަން ޖެހެ އެވެ. ނަމަވެސް އެފީ ނަގަނީ ބޯޓުގެ ބޮޑު މިނަށް ބަލާފަ އެވެ.
ސޯމާލިޔާ ކަނޑު ފޭރޭ މީހުން ރާއްޖޭގެ ސަަރަހައްދުން ފަހަކަށް އައިސް ވަރަށް ގިނައިން ވަނީ އަތުލައިގެންފަ އެވެ. އެގޮތަށް ރާއްޖޭގެ ސަރަހައްދުގައި އުޅެނިކޮށް އަތުލައިގެންފައިވާ 37 މީހަކު އެބަތިއްބެވެ.