28 Jul 2020, 08:27
ދެހާސް އަށާރަވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ސަތިޔަމޭވް ޖަޔަތޭ"ގެ ސީކުއެލް "ސަތިޔަމޭވް ޖަޔަތޭ 2" ޝޫޓްކުރާނީ ލަކްނޯގައި ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މަދޫ ބޯޖްވާނީ ބުނެފި އެވެ.
ޕްރޮޑިއުސަރު ބުނީ ކުރިން މި ފިލްމު މުމްބާއީގެ އެކި ސަރަހައްދުތަކުގައި ޝޫޓްކުރަން ނިންމި ނަމަވެސް ލޮކްޑައުން ދުވަސްވަރު ފިލްމުގެ ސްކްރިޕްޓް އިތުރަށް ފުރިހަމަ ކުރުމަށް ޑައިރެކްޓަރު މިލަޕް ޒަވޭރީ ކުރި މަސައްކަތުން އެ ފިލްމުގެ މާހައުލާ ބޮޑަށް ގުޅުނީ ލަކްނޯގެ މަންޒަރުތައް ކަމަށެވެ.
މި ފިލްމުގެ ބޮޑުބައި ލަކްނޯގައި ޝޫޓްކުރާއިރު ފިލްމުގެ ބައެއް މަންޒަރުތައް އުއްތަރަ ޕްރަދޭޝް ގައި ވެސް ނެގުމަށްވަނީ ހަމަޖެހިފައެވެ. ސަތިޔަމޭވް ޖަޔަތޭގެ ދެވަނަ ބައިގެ ޝޫޓިން ފަށާނީ ސެޕްޓެމްބަރު މަހުއެވެ.
ޖޯން އަބްރަހަމް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ އަންހެން ލީޑު ކުޅޭނީ ދިވްޔާ ކޯސްލާ ކުމާރެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމީ މި އަހަރު އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް އިންޑިއާ ލޮކްޑައުންކޮށްފައި އޮތުމާއެކު އަހަރު މި ފިލްމު އެޅުވޭނެކަމަށް ނުބެލެވެއެވެ.
"ސަތިޔަމޭވާ ޖަޔަތޭ" އަކީ ކޮރަޕްޝަނާ ދެކޮޅަށް ހިތްވަރުގަދަ ފުލުހެއް ކުރާ މަަސައްކަތްތައް ދައްކުވައިދޭ ފިލްމެކެވެ.