27 Jul 2020, 17:16
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ސިޔާސީ ޕާޓީތަކަށް ހުޅުވާލެއްވި މަޝްވަރާގެ ދައުވަތާ މެދު ސުވާލު އުފެދޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އިއްޔެ ފާހަގަ ކުރި މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ސޯލިހް ވަނީ ސިޔާސީ ހުރިހާ ފަރާތްތަކަށް ސަރުކާރާއެކު މަޝްވަރާ ކުރުމަށް ދައުވަތު ދެއްވާފައެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އެފަދަ މަޝްވަރާއަކަށް ގޮވާލަން ޖެހޭނީ މީޑިއާ ޚިތޯބަކުން ނޫން ކަމަށެވެ. އަދި ރައީސް މީޑިއާ ހިތޯބުން މަޝްވަރާއަށް ގޮވާލުމުން އެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީން ޕާޓީ ޓޯކްސް އަށް ދައުވަތު ދެއްވީ އޭރުގެ އިދިކޮޅަށް އިސްވެ ސިޓީއަކުން. މީޑިއާ ހިތާބަކުން ނޫން. ތިޔަ ނިޔަތާ މެދު ސުވާލު އުފެދޭ،" ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ވިދާޅުވި އެވެ.
ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ، ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށެވެ. ކޮންމެ ކަމެއްގައި ސިޔާސީގޮތުން ވާދަވެރިވާނަމަ އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ، ހުރިހާ ރައްޔިތުންނަށާއި މުޅި ގައުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ގައުމުގެ އެންމެ މަތީ މަސްލަޙަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން. ތިޔަ ބޭފުޅުންގެ ހިޔާލާއި މަޝްވަރާއަށް އަޅުގަނޑު އަބަދުވެސް މަރުޙަބާ ކިޔާނަން،" ރައީސް ސޯލިހް ވިދާޅުވިއވެެ.
ރައީސް ސޯލިހް މިގޮތަށް ގޮވާލެއްވި އިރު، އިއްޔެ އިދިކޮޅު ލީޑާޝިޕުން ބައިވެރިވެގެން ސަރުކާރުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާއެއްވެސް ވަނީ ބާއްވާފައެވެ. ފުލުހުން ދޫ ދިން އެ މުޒާހަރާގައި، އިދިކޮޅުން ފެށީ ޗާންދަނީ މަގު ހަތަރު އަނގޮޅި ކަންމަތިންނެވެ. އަދި މުޒާހަރާ ނިންމާލީ، ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު، ޕީޕީއެމް އޮފީސް ކުރިމަށްޗަށެވެ.