07 Jan 2012, 19:12
މިއަދު ބޭއްވި ހއ. ފިއްލަދޫ ކައުންސިލުގެ ބައި އިލެކްޝަން ވެސް ވެރިކަން ކުރާ އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.
ފިއްލަދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށް ފިއްލަދޫ އާއި މާލޭގައި މިއަދު ނެގި ވޯޓްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވެވި އާދަމް އިނާޒެވެ. އޭނާއަށް 331 ވޯޓް ލިބިވަޑައިގެންނެވި އެވެ. ބައި އިލެކްޝަންގައި ޑީއާރްޕީގެ ޓިކެޓްގައި ވާދަކުރާ މުހައްމަދު ޖަމީލަށް ލިބިވަޑައިގަތީ263 ވޯޓެވެ.
ވަގުތީ ނަތީޖާ އިއުލާން ކުރެއްވުމަށްފަހު އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ މިއަދު ބޭއްވި އިންތިހާބާއި ބެހޭ އެއްވެސް ޝަކުވާއެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިނުވާ ކަމަށެވެ.
އެހެން ނަމަވެސް ކާމިޔާބުވި ފަރާތުން އުފާފާޅު ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފަދަ ހަރަކާތެއް މާދާމާގެ 6:00 ޖެހުމުގެ ކުރިން ނުބޭއްވުމަށް ފުއާދުވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ފިއްލަދޫ ބައި އިލެކްޝަން ކާމިޔާބު ކުރެއްވެވި އިނާޒަކީ ކުރިން ޑީއާރްޕީގެ ޓިކެޓްގައި ކައުންސިލުގައި ހުންނެވި ބޭފުޅެކެވެ. އޭނާއަށް ކުރިން ގޮނޑި ގެއްލުނީ ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވިޖާން މަގާމުން ދުރި ކުރި މައްސަލަގައި ޑީއާރްޕީގެ މެންބަރު ކަމުން ވަކި ކުރުމުނެވެ.
މީގެ އިތުރުން މިދިޔަ ޑިސެމްބަރ 31 ބޭއްވި ށ. މިލަންދޫ ދާއިރާ އާއި އއ. މަތިވެރި ބައި އިލެކްޝަން ވެސް ވަނީ ރާއްޖޭގެ އެންމެބޮޑު ސިޔާސީ އެމްޑީޕީން ކާމިޔާބުކޮށްފަ އެވެ.