27 Jul 2020, 15:24
މާލޭގައި ކޮވިޑް-19 ފެތެރެމުންދާ މި ދުވަސްވަރުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރުމަށް މަގުމައްޗަށް ނިކުތުމުން އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު، ޔުމްނާ މައުމޫން ފާޑުވިދާޅުވެއްޖެ އެވެ.
"އެންމެން އެއް އަޑަކުން" ނަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީން ރޭ ވަނީ ޗާންދަނީމަގާއި މަޖީދީމަގު ގުޅުނު ހިސާބަށް އެއްވެ ޝުއޫރު ފާޅުކޮށްފަ އެވެ. ފަންސާހަކަށް މީހުންގެ އެ މުޒާހަރާ ނިންމާލާފައި ވަނީ މަޖީދީމަގު ހުރި ގޮތަށް ޕީޕީއެމްގެ އޮފީސް ކުރުމަށްޗަށް ދިއުމަށް ފަހު އެވެ.
އެ ކަމާ ގުޅިގެން ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "މިނިވަންކަމޭ ރައްޔިތުންނޭ ކިޔައި މާސްކް އެޅުމެއް ނެތި ގައިދުރުކަމެއް ނެތި، މި ދުވަސްވަރު މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަނީ ހަމަ ރައްޔިތުންނަށްޓަކައި ތޯ" އައްސަވައިފަ އެވެ.
މިނިސްޓަރު ޔުމްނާގެ ޓްވީޓަށް ބައެއް ފަރާތްތަކުން ތާއިދު ކުރައްވައި ވިދާޅުވެފައި ވަނީ، މި ދުވަސްވަރު މުޒާހަރާ ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށާއި އެ ކަމުގެ ސަބަބުން ގިނަ ބައެއް ނުރައްކަލަށް ހުށަހެޅިގެންދާ ކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅާ ދެކޮޅަށް ހިޔާލުފާޅު ކުރި މީހަކު ބުނެފައި ވަނީ، ބަލިމަޑުކަމެއްގެ ތެރޭގައި މުޒާހަރާ އަށް އެއްބަޔަކު ނިކުމެފައި ވަނީ ގޮތް ހުސްވުމުން ކަމަށެވެ. އަދި ސަރުކާރަށް އެހީތެރިކަމެއް ފޯރުކޮށްދެވިފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
އިދިކޮޅު މުޒާހަރާ ޔުމްނާ ކުށްވެރި ކުރެއްވި އިރު، އެ މުޒާހަރާގެ އިސް ސަފުގައި ހަރަކާތްތެރިވީ، ޔުމްނާގެ ކޮއްކޮ އަދި ޕީޕީއެމްގެ އެއް ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން އެވެ.
ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ދައުވަތު ދެއްވައިފަ އެވެ.
ކޮވިޑް-19 ފެތެރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމާ އެކު އެ ބައްޔަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދުތައް އިތުރުވަމުން ގޮސް މިހާރު ބިދޭސީންނަށް ވުރެން ކޮވިޑް ޖެހުނު ދިވެހިންގެ އަދަދު ވަނީ މަތިވެފަ އެވެ.
ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން ކޮވިޑް19 ގެ ކޭސްތައް ފެންނަ މިންވަރު ވިސްނާލަން ޖެހޭ މިންވަރަށް އިތުރުވެފައިވާކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ރޭ ވަނީ ވިދާޅުވެފަ އެވެ.
ޑރ. ވިދާޅުވީ މިހާރު ފެންނަ ކޭސްތަކުގެ ތެރޭގައި ނިސްބަތުން ގިނައީ ދިވެހިން ކަމަށެވެ. ރާއްޖެއިން 3،302 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރޭގައި 1،488 ދިވެހިން ހިމެނެ އެވެ.