27 Jul 2020, 14:31
އިއްޔެ ރާއްޖެ އައި ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ އަލުން ބޯޑަރު ހުޅުވިފަހުން ރާއްޖެ އައި ފަތުރުވެރިޔަކު ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
ރާއްޖެ އައި ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ 'ސަން' އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އެ ފަތުރުވެރިޔާ ކޮވިޑަށް ޓެސްޓް ކޮށްފައިވަނީ އެއްވެސް އަލާމާތެއް ފެނިގެން ނޫން ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ފަތުރުވެރިޔާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ގައިޑްލައިނާއި އެއްގޮތަށް އައިސޮލޭޝަންގެ ޕްރޮސީޖާ ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެ އައި އެއްވެސް މީހެއްގެ ފަރާތުން ކޮވިޑް19 ގެ އެއްވެސް އަލާމާތެއް ފެނިގެން މިހާތަނަށް ރިޕޯޓުކޮށްފައި ނުވާކަމަށް އެޗްއީއޯސީން ބުނީ ރޭގައެވެ.
ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ބޯޑަރު ހުޅުވިފަހުން މިހާތަނަށް 3،057 މީހަކު ރާއްޖެ އައިސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފަތުރުވެރިންނާއި ދިވެހީންވެސް ހިމެނެއެވެ.
މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވީ ތިން މަސް ދުވަހަށް ވުރެން ގިނަ ދުވަސް ފަހުންނެވެ. އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފުރަތަމަ 10 ދުވަހުގެ ތެރޭގައި 904 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ބޯޑަރު ހުޅުވާލައި ރިސޯޓުތައް އޮޕަރޭޓްކުރަން ފަށާފައި ވާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތައް ހުޅުވަން ކުރިން ނިންމާފައި އޮތީ އޯގަސްޓު މަހުއެވެ. ނަމަވެސް އަލުން އެ ނިންމުން ރިވިއު ކުރުމަށް، އަންނަ މަހު ގެސްޓްހައުސްތައް ނުހުޅުވަން ވަނީ ނިންމައިފައެވެ.
ރާއްޖެއިން މިހާތަނަށް 3،302 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ދިވެހީންނެވެ.