07 Jan 2012, 19:10
މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއުރޭޑިއަންޓަށް ކުޅުނު ރާއްޖޭގެ ގައުމީ ޓީމުގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ވީބީ ސްޕޯޓްސް އަށް ސޮއި ކޮށްފި އެވެ.
އަވައްޓެރި ސްރީލަންކާގައި ހުރެ، މިރޭ ސަންއޮންލައިނަށް ދިން އިންޓަވިއުގައި ޖަމްބޭ ބުނީ، ކުރިންވެސް ވީބީއަށް ކުޅެން އެއްބަސްވެފައި ވީނަމަވެސް ސޮއި ނުކޮށް މަޑުކޮށްލައިގެން ހުރީ ނިއުއިން ވެސް ވާހަކަ ދައްކަމުންދާތީ އާއި ވީބީގެ ހުށަހެޅުން ރަނގަޅު ކަމަށް ފެންނާތީވެ ކަމަށެވެ. ވީބީއަށް ސޮއިކުރީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ކަމަށް ވެސް ޖަމްބޭ ބުންޏެވެ.
"ވީބީއަށް ކުޅެން މިހާރު ވާނީ ސޮއިކޮސްފަ. ކުރިންވެސް އެކަން ނިންމިފަ ވަނީ. އެކަމަކު ސޮއި ކުރީ ހުސްވި ހަފްތާގެ ތެރޭގަ. ސޮއި ކުރީ އެއް އަހަރަށް" ހުއްރިއްޔާ އިން އެންމެ ފުރަތަމަ ވިދާލި، ބ. އޭދަފުއްޓަށް އުފަން ޖަމްބޭ ބުންޏެވެ.
މެދުނުކެނޑި ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރުކަން ކޮށްފައިވާ ޖަމްބޭ މީގެ ކުރީން ވަނީ އައިއެފްސީ އަދި ވެލެންސިއަ އަށް ވެސް ކުޅެފަ އެވެ. އެގޮތުން އައިއެފްސީއަށް އޭނާ ވަނީ ތިން އަހަރު ދުވަހު ކުޅެފައެވެ.އަދި އޭނާ ވަނީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.