ބެއިޖިން (ޖުލައި 27): ޗައިނާގެ ޗަންގްދޫގައި ހުރި އެމެރިކާގެ ކޮންސިއުލޭޓު އެގައުމުގެ އަމުރާ އެއްގޮތަށް މިއަދު ބަންދު ކޮށްފި އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން މިއަދު ވަނީ ޗަންގްދޫގެ ކޮންސިއުލޭޓުގައި ހުރި އެމެރިކާގެ ދިދަ ތިރި ކުރާ މަންޒަރާއި އެގައުމުގެ އޮފިޝަލުން އެ އިމާރާތަށް ވަންނަ މަންޒަރު ޓީވީން ދައްކައިފަ އެވެ. އަދި އެ ކޮންސިއުލޭޓުގައި މަސައްކަތް ކުރާ 200 މުވައްޒަފުންގެ ތެރެއިން އެމެރިކާގެ 50 މުވައްޒަފުން ވަނީ އިއްޔެ ކޮންސިއުލޭޓު ދޫކޮށް ގޮސްފަ އެވެ.

ޗަންގްދޫގައި ހުރި އެމެރިކާގެ ކޮންސިއުލޭޓު ބަންދު ކުރަން މިދިޔަ ހުކުރު ދުވަހު ޗައިނާއިން އެންގީ އެމެރިކާގެ ހިއުސްޓަންގައި ހުރި ޗައިނާގެ ކޮންސިއުލޭޓު ބަންދު ކުރަން އެގައުމުން މިދިޔަ ހަފްތާގައި އެންގި ފަހުންނެވެ. އެ ކޮންސިއުލޭޓުގައި ތިބި ޗައިނާގެ މުވައްޒަފުންވެސް ވަނީ ކޮންސިއުލޭޓު ދޫކޮށް ގޮސްފަ އެވެ.

އެމެރިކާއިން ޗައިނާގެ ކޮންސިއުލޭޓު ބަންދު ކުރަން އެންގީ އެގައުމުން ފިކުރީ މުދާ ވަގަށް ނަގާ ކަމަށް ބުނެ އެވެ. ނަމަވެސް ޗައިނާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ހިއުސްޓަންގައި ހުންނަ ކޮންސިއުލޭޓުގެ އިތުރުން ޗައިނާގެ ހަތަރު ކޮންސިއުލޭޓަކާއި އެމްބަސީއެއް އެމެރިކާގައި ހުރެ އެވެ. އަދި ޗައިނާގައި އެމެރިކާގެ ފަސް ކޮންސިއުލޭޓަކާއި އެމްބަސީއެއް ހުރެ އެވެ.

އެމެރިކާ އާއި ޗައިނާއިން ދެ ގައުމުގެ ކޮންސިއުލޭޓުތައް ބަންދު ކުރުމުން ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން ކަމާ ބެހޭ މާހިރުން ވަނީ ފާޅުކޮށްފަ އެވެ. އެ ދެ ގައުމުގެ ގުޅުން މީގެ ކުރިން ހީނަރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ދެ ގައުމުގެ ވިޔަފާރީގެ ހަނގުރާމަ އާއި ދުނިޔޭގައި ކޮރޯނާވައިރަސް ބަލިމަޑުކަން ފެތުރިފައި ވަނީ ޗައިނާގެ ސަބަބުން ކަމަށް އެމެރިކާއިން ބުނަމުން ދިޔުން ހިމެނެ އެވެ. އަދި ޗައިނާއިން އެގައުމުގައި މުސްލިމުން ދިރިއުޅޭ ޝިންޖިއަންގުގަ އާއި ހޮންކޮންގައި އިންސާނީ ހައްގުތަކަށް އަރަމުންދާ ކަމަށް އެމެރިކާއިން ބުނެ، އެގައުމާ ދެކޮޅަށް ފިޔަވަޅު އެޅުން ހިމެނެ އެވެ.

ޗައިނާއިން ވަނީ އެފަދަ ތުހުމަތުތައް ދޮގުކޮށް، އެގައުމުގެ ދާހިލީ ކަންތައްތަކަށް އެމެރިކާއިން ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ބުނެފަ އެވެ.