ޕްރޮސްތެޓިކް މާސްކެއް ބޭނުންކޮށްގެން އެމެރިކާގައި މީހަކު 100،000 އަށް ވުރެ ގިނަ ޑޮލަރު ދެ ކެސީނޯއަކުން ވަގަށް ނަގައިފި އެވެ.

އެ ފައިސާ ނަގައިފައި ވަނީ މިޝިގިން އަދި ކެންސަސްގެ ކެސީނޯއަކުންނެވެ.

އެކަމަށް އޭނާ ބޭނުންކޮށްފައި ވަނީ ފޭކް ޑްރައިވިން ލައިސެންސެއް ވެސްމެ އެވެ.

އުމުރުން 55 އަހަރުގެ ޖޯން ކޮލޭޓީ އެ ވައްކަންކޮށްފައި ވަނީ ކެސީނޯތަކުގައި ހުންނަ ސެލްފް ސާވިން ކިއޮސްކްތައް ބޭނުންކޮށްގެންނެވެ. އެގޮތުން އެ ކިއޮސްކްތަކުން ފައިސާ ނަގާއިރު ޑްރައިވިން ލައިސަންސް ނަންބަރާއި ސޯޝަލް ސެކިއުރިޓީ ނަންބަރުގެ އެންމެ ފަހު ހަތަރު އަދަދު ޖަހަން ޖެހެ އެވެ.

ކޮލޭޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މީހުން އައިޑެންޑިޓީ ވަގަށް ނެގުމާއި އެކި ވަޔާ ފްރޯޑްގެ މައްސަލަ ހިމެނެ އެވެ. އޭނާގެ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 30 ވަނަ ދުވަހަށް މިހާރު ވަނީ ތާވަލްވެސްކޮށްފަ އެވެ.

ކޮލޭޓީ ކިއޮސްކަކުން ގިނަ އަދަދެއްގެ ފައިސާ ނަގާތަން ފެނިގެން ސެކިއުރިޓީ އޮފިސަރަކު އޭނާއާ ސުވާލުކޮށް ސޯޝަލް ސެކިއުރިޓީ ނަންބަރު ވެސް ހޯދި އެވެ. ނަމަވެސް ކޮލޭޓީ ވަނީ ފާހާނާއަށް ގޮސް ޕްރޮސްތެޓިކް މާސްކު ނަގައިގެން އެތަނުން ފިލައިފަ އެވެ.

ފުލުހުން ވަނީ އެތަނުގެ ފާހާނާއިން ކޮލެޓީ ގެންގުޅުނު ފައިސާތަކާއި ޑްރައިވިން ލައިސަންސްތަކާއި ސޯޝަލް ސެކިއުރިޓީ ނަންބަރު ހޯދައިފަ އެވެ.

ކޮލެޓީގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ މިދިޔަ އަަހަރު އެވެ. އެގޮތުން މިދިޔަ އޭޕްރީލް އަދި މޭ މަހާ ދެމެދު 10 މީހަކު ވަނީ 98،840 ޑޮލަރަށް ވީނުވީއެއް ނޭނގިގެން މައްސަލަ ހުށަހަޅައިފަ އެވެ. މިޝިގެންގެ ފުލުހުން ސީސީޓީވީ ފޫޓޭޖްތައް ބެލިއިރު ކޮންމެ ފަހަރަކު ވެސް ފެނިފައި ވަނީ އުމުރުން ދުވަސްވީ ދޮން ނަސްލުގެ ސިފަ ހުންނަ ޕްރޮސްތެޓިކް މާސްކެއް އަޅައިގެން ފައިސާ ނަގަމުންދިޔަ ތަނެވެ.--ސީއެންއެން--