07 Jan 2012, 17:56
އިންތިހާބުތަކުގެ ނަތީޖާ ނުކުންނަނީ ރައްޔިތުން ވޯޓްލާ ގޮތަށް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅުތައް އެމްޑީޕީން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނަނީ ޕީޕީއެމުން ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި މައުމޫން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ އިލެކްޝަންސް ކޮމިޝަނުގެ އަގުވައްޓާލައި، އެ ކޮމިޝަނާ ދެކޮޅަށް ރައްޔިތުން ނެރެ، ފިތުނައިގެ އަނދަވަޅަކަށް ރާއްޖެ ވައްޓާލުމަށް ދައްކަވާފައިވާ ވާހަކަފުޅުތަކެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެމްޑީޕީން ބުނީ ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ގާއިމްކުރި ފަހުން، ރާއްޖޭގައި ބާއްވާފައިވާ އިންތިހާބުތަކަކީ ދެފުށް ފެންނަ އިންސާފުވެރި އިންތިހާބުތަކެއް ކަމަށާއި ވޯޓު ފޮށި މަތީގައި ބަނޑުއެޅުމާއި، "ކުޑަކާފާއި ބޮޑު ކާފު" ގެ ޒަމާން ހިނގައްޖެ ކަމަށެވެ.
އެމްޑީޕީން ބުނީ ޑިމޮކްރެޓިކް އުސޫލުތަކުގެ އިތުބާރު ގެއްލޭ ގޮތަށް ރައީސް މައުމޫން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ސިޔާސީ މަންފާއެއް ހާސިލްކުރެއްވުމަށް ދައްކަވާފައިވާ ދޮގު ވާހަކަފުޅުތަކެއް ކަމަށް ދެކޭ ރާއްޖޭގައި ފައްކާވަމުން އަންނަ ޑިމޮކްރަސީގެ ރީތި އުސޫލުތައް ގަބޫލުފުޅުކުރެއްވުމަށެވެ. އެ އުސޫލުތަކަށް އިހުތިރާމްކުރެއްވުމަށް ވެސް ރައީސް މައުމޫނަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.
އިންތިހާބްތަކުގެ ނަތީޖާ ނުކުންނަ ގޮތާއި މެދު ރައީސް މައުމޫން ދައްކަވާފައިވާ ވާހަކަފުޅުތަކާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ވެސް ވަނީ އެ ވާހަކަފުޅުތައް އެގޮތަށް ދެއްކެވި ސަބަބެއް ހޯދާނެ ކަމަށް ބުނެފަ އެވެ.